ޚަބަރު

7 އަހަރު ފަހުން އުކުޅަހަށް ޒަމާނީ ބަނދަރެއް


އއ.އުކުޅަހުގެ ގިނަ ބަޔަކު ޢާމްދަނީ ހޯދުމަށް ކުރާ އެއް މަސައްކަތަކީ ފަތުރުވެރިކަމެވެ. އެހެންނަމަވެސް ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވަނީ ރަށުގެ ބަނދަރު ހަލާކުވެފައި އޮތްއޮތުމެވެ.

ރަށުގެ ބަނދަރު ކުޑަވުމާއި ހަލާކުވެފައި އޮތުމުގެ ސަބަބުން ތަފާތު އެކި ޙާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިގޮތުން ރަށަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ ދަބަސްތައް މޫދަށް ވެއްޓި ތަފާތު ޙާދިސާތައް ހިނގައިފައި އެބަހުއްޓެވެ. އެހެންނަމަވެސް މިހާރު އެރަށުގެ ބަނދަރު ބޮޑުކުރުމާއި މަރާމާތުކުރުމުގެ ސަބަބުން މިފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.

ބިމުގެ ގޮތުން 21 ހެކްޓަރުގެ އުކުޅަހުގެ އާބާދީ 1،200އަށް އަރައެވެ. އެ ރަށަކީ ރަށު ފަތުރުވެރިކަމުގަވެސް ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފަވާ ރަށެކެވެ. 30އަށްވުރެ ގިނަ ގެސްޓްހައުސް ރަށުގަ ހިންގަމުން އާދެއެވެ، ރަށުގެ އާއިލާތަކަށް ބޮޑު ޢާމްދަނީއެއްވެސް ލިބެނީ މި މަސައްކަތުންނެވެ. ފަތުރުވެރިންގެ އިތުރަށް އެހެން ރަށްރަށުގެ ރައްޔިތުންވެސް އެރަށަށް އަންނައިރު ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވެފައި އޮތީ ބަނދަރު ތަރައްޤީކޮށް ބޮޑުކުރުމުގެ މަސައްކަތްކޮށްދިނުމެވެ.

މި އުންމީދުގައި ކުލަޖައްސައި ހަޤީގަތަކަށް ހެދުމަށްޓަކައި މިހާރުގެ ސަރުކާރުން ވަނީ އުކުޅަހު ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަސައްކަތް ކުރުމަށް މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހު އެމްޓީސީސީއާ ޙަވާލުކުރައްވާފައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން، 19,630 އަކަމީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށެވެ. އާޒިމް ވިދާޅުވީ ބަނދަރުގެ ހުރިހާ މަސައްކަތްތަކެއް އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ނިންމައި ބޭނުން ކުރަން ފެށޭނެކަމަށެވެ.

އުކުޅަހަށް އަންނަ ދަތުރުވެރިން ބޭނުންކުރާ ފާލަން ވެއްޓިފައި އޮންނަތާ 7 އަހަރު ވެފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރީގެ ބަނދަރުވެސް ބޭނުކުރެވޭ ގޮތް ހެދުމުން ފަތުރުވެރިންނަށްވެސް ފަސެހަވެގެންދާނެކަމަށެވެ. 1998ވަނަ އަހަރު ބަސްތާ ޖަހައިގެން އެރަށުގައި ހަދާފައިވާ ބަނދަރުވެސް މަރާމާތުކޮށްދިނުމަށްވެސް ސަރުކާރުގައި މިހާރު އެދިފައިވާކަމަށެވެ.

އުކުޅަހު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން 136 މީޓަރުގެ ސަރަޙައްދެއްގައ އެއްގަމުތޮށިލުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށް 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަ މީޓަރުގެ ސަރަޙައްދެއްގައ ޕޭވްމަންޓް ހެދުމުގެ އިތުރަށް މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ. މަޝްރޫޢަކީ 19.92 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.