ދީން

މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކޮށް ސެކިއުރިޓީ ވަރުގަދަކުރަނީ


މާލޭގެ މިސްކިތްތައް ބެލެހެއްޓުމުގެ އުޞޫލުތައް ހަރުދަނާ ކުރެއްވުމުގެ ގޮތުން މާލޭގެ ހުރިހާ މިސްކިތްތަކެއްގައި ފިންގަރ ޕްރިންޓް ސިސްޓަމާއި ކެމެރާ ހަރުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.މި މަސައްކަތް އިސްލާމިކް މިނިސްޓްރީން ހަވާލުކުރެއްވީ، ޑިވިޒަން އޮފް އޯޑިއޯ ވިޒުއަލްސް ކުންފުންޏާއެވެ. އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރާހީމް އަޙުމަދު ވިދާޅުވީ، މިމަސައްކަތް ނިމުމުން ވިލިމާލެއާއި ހުޅުމާލެ ހިމެނޭ ގޮތުން މާލޭގެ ހުރިހާ މިސްކިތެއްގެ އިދާރީ ހުރިހާ ކަމެއް އެއް ނެޓްވޯކެއްގެ ތެރެއިން ކުރެވިގެންދާނެ ކަމަށެވެ. އަދި މިސްކިތުގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. މި ސިސްޓަމް ހަރުކުރުމުން އިމާމުންނާއި އެހެނިހެން މުއައްޒަފުން ކޮންމެ ދުވަހަކު އިސްލާމިކް މިނިސްޓްރީއަށް ސޮއިކުރަން ދާ ދިއުން ބަދަލުވެގެންދާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.60 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ މިމަސައްކަތަށް އެއްމިލިޔަން ހަތްދިހަ ފަސްހާސް ރުފިޔާ ހޭދަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ. ވިލިމާލެއާއި ހުޅުމާލެ ހިމެނޭ ގޮތުން މާލޭގައި 35 މިސްކިތް ހުރެއެވެ.