އަތޮޅުތައް

ތ.ގުރައިދޫގައި ހިއްކާ ބިމުގައި ރިވެޓްމަންޓް ޖެހުން އެމްޓީސީސީއަށް


ތ.ގުރައިދޫގައި ހިއްކާ ބިމުގެ ރިވެޓްމެންޓް ޖެހުމަށް 42 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކުރައްވައިފިއެވެ.ރިވެޓްމެންޓް ޖެހުމަށް އެމްޓީސީސީއާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހިއްކާފައިވާ ބިންތަކުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އަވަސް ކުރުމުގެ ބޭނުމަކީ، ހިއްކާ ބިންތައް ގިރައިގެންދާތީ ކަމަށެވެ. ގުރައިދޫގައި މިހާރު ހިއްކަމުންދާ ބިމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ ބިމުގެ ސަބަބުން ގުރައިދޫއަށް އިތުރު ތަރައްޤީ ލިބިގެންދާނެ ކަމަށެވެ.މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ގުރައިދޫގައި ހިއްކާ ބިމުގެ %50 ހިއްކާ ނިމިފައިވާ ކަމަށާއި، 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ. އަދި ގުރައިދޫގެ ބިން ހިއްކުން އަވަސްކުރުމަށް މިހާރު ދެ ޑްރެޖަރު ބޭނުންކުރަމުންދާކަންވެސް ޢަބްދުއްރައްޒާޤް ފާހަގަކުރެއްވިއެވެ.މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ރިވެޓްމެންގެ މަސައްކަތް ނިންމަން ޖެހެއެވެ. ގުރައިދޫ ހިއްކާ ސަރަޙައްދުގައި 2421 އަކަ މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. ތ.ގުރައިދޫ ބިން ހިއްކަން ފަށާފައިވަނީ، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ.