ޚަބަރު

ހިޔާ ފްލެޓްގެ ފުރަތަމަ ކްލިނިކްގެ ޚިދުމަތް ޖެނުއަރީމަހު ފަށާނެ


ހިޔާ ފްލެޓްތަކުގަ ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ސިއްޙީ ޚިދުމަތް ހޯދޭނެ ގޮތް ހަމަޖެއްސުމަށް، އެތަނުގައި ކްލިނިކެއް ހިންގުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. ކްލިނިކްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕައިތަން ޕްރައިވެޓް ލިމިޓެޑާއެވެ.

"ލައިފް ސަޕޯޓް މެޑިކަލް ސެންޓަރ"ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ކްލިނިކްގެ މަސައްކަތް ހަވާލުކޮށްފައިވަނީ، 3މަސް ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ނިންމާ ޚިދުމަތް ފަށާ ގޮތަށެވެ. މި ކްލިނިކް ހުންނާނީ ހިޔާގެ 12ވަނަ ފްލެޓްގައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ، ހިޔާ ހައުސިންގ ޔުނިޓްތަކަށް އާއްމު ޚިދުމަތްތައް ފެށުމުގެ ފުރަތަމަ ފިޔަވަހީގައި 3 ކްލިނިކް އެސަރަޙައްދުގައި ތަރައްޤީކުރާނެކަމަށެވެ. ހިޔާގައި ޚިދުމަތް ފަށާ ފުރަތަމަ ކްލިނިކްގެ މަސައްކަތް ނިންމާ، 3މަސްދުވަހުގެ ތެރޭގަ ޚިދުމަތް ފަށާނެ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

ހިޔާ ހައުސިންގ ޔުނިޓްތަކަށް މީހުން ބަދަލުވާން މިހާރުވަނީ ފަށާފައެވެ. އެޗްޑީސީން ވިދާޅުވީ މީހުން ބަދަލުވެ ކުލި ނަގަން ފެށުމުގެކުރިން، އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރާނެކަމަށެވެ. ޚާއްސަކޮށް ހިޔާ ކޮމާޝަލްގެ ގޮތުގައި ދޫކުރާ ޔުނިޓްތަކުގެ ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އާއްމު ޚިދުމަތްތަކުގެ ތެރެއިން ހިޔާ ފްލެޓްގެ ފުރަތަމަ ފިހާރަ ހުޅުވާ، ޚިދުމަތްފެށީ މިމަހުގެ 10ވަނަ ދުވަހުއެވެ. މި ފިހާރަވެސް ހިންގަނީ 12ވަނަ ޓަވަރުގެ ތިރީ ފަންގިފިލާގައެވެ.

ސިއްޙީ ޚިދުމަތާއި، ކެފޭ ރެސްޓޯރަންޓާއި، ފިހާރަތަކާއި ސުޕަމާކެޓްތަކާއި އަދި މި ނޫންވެސް އާއްމު ޚިދުމަތްތައް ދިނުމަށް ބޭނުންވާ ޖާގަ ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފްލޯތަކުގައިވަނީ ކަނޑައަޅާފައެވެ. މި ތަންތަން ދޫކުރަނީ އިމާރާތުގެ މަސައްކަތް ނިންމުމަށްފަހުއެވެ. ދެން ކުރަންޖެހޭނީ އެ ވިޔަފާރިއަކާ ގުޅޭ އެތެރޭގެ މަސައްކަތްތަކެވެ.

ހިޔާ ހައުސިންގ ޔުނިޓްތައް ފުރަތަމަ ފަރުމާކޮށް މަސައްކަތް ކުރިއަށްގެންދިޔައީ، ޓަވަރުގެ ހުރިހާ ފަންގިފިލާތަކުން މީހުން ދިރިއުޅުމަށް ހައުސިންގ ޔުނިޓް ދޫކުރާގޮތަށެވެ. ނަމަވެސް މި ސަރުކާރު އައިސް ނިންމާފައިވަނީ ހިޔާ ހައުސިންގ ޓަވަރުތަކުގެ އެންމެ ތިރީ ފަންގިފިލާ، އާއްމު ޚިދުމަތްތަކުގެ ވިޔަފާރިތަކަށް ޚާއްސަކުރުމަށެވެ. މި ބަދަލާއެކު ހިޔާ ހައުސިންގ ޔުނިޓްތަކުގެ އަދަދު 7000 އިން 6720އަށް ވަނީ މަދުކޮށްފައެވެ.