ޚަބަރު

ކޯވިޑަށްފަހު މިހާރު އިސްކަންދެނީ ރައްޔިތުންނާ ގުޅުހުންހުރި ކަންކަން ހަލުވިކުރަން - ރައީސް


ކޯވިޑްގެ ޙާލަތު މަޑުމަޑުން ކޮންޓްރޯލް ކުރެވެމުންދާތީ ސަރުކާރުން މިހާރު ކުރައްވަމުންގެންދަނީ ރައްޔިތުންނާ ގުޅުހުންހުރި ކަންކަން ހަލުވިކުރުމުގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ.އަތޮޅުގެ 6 ރަށަކަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި ތޮއްޑުއަށް ވަޑައިގެން އެރަށުގެ ދަނޑުވެރިންނާއި ގެސްޓްހައުސްތަކުގެ ވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމައްޓަކައި ދަނޑުވެރިކަމަށް ގެންނަ ތަކެތިން ޑިއުޓީ ކަނޑާލިނަމަވެސް އެކަމުގެ ސީދާ ފައިދާ ރައްޔިތުންނަށް ކުރާތަން ނުފެންނަކަމަށެވެ. އެހެންކަމުން އެސްޓީއޯގެ އެގްރި ސެންޓަރ މެދުވެރިކޮށް ދަނޑިވެރިންނަށް ބޭނުންވާ ބޭހާއި މުޑުވައް، ފަސޭހައިން ލިބޭނެ އިންތިޒާމު ތޮއްޑޫފަދަ ރަށްރަށުގައި ހަމަޖައްސަވާނެކަމަށެވެ.

މީގެ އިތުރުން ތޮއްޑުއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މަސައްކަތް ކުރިއަށްގެންދާނެކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން ތޮއްޑޫގައި އައު ސިއްޙީ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަަށް ނޮވެންބަރު މަހުގެ ތެރޭގައި ބިޑްކޮޑްކޮށް އަންނަ އަހަރުގެ ކުރީކޮޅު ޢަމަލީ މަސައްކަތް ފެށިގެންދާނެކމަަށެވެ.

މިދަތުރުފުޅުގައި ރައީސްވަނީ ތޮއްޑޫ ސްކޫލްގެ 12 ކްލާސް ރޫމް ޢިމާރާތާއި މަލްޓިޕާޕަސް ހޯލް އިފްތިތާހުކޮށްދެއްވާފައެވެ. އަދި ތޮއްޑޫގައި ހަދާ ބަނދަރުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައި، ދަނޑުތަކަށް ޒިޔާރަތްކުރައްވާފައިވެއެވެ.