ވިޔަފާރި

ސްކުއިޑް ގޭމްގެ ކާމިޔާބާއެކު ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދަށް ބޮޑު ކުރިއެރުމެއް


މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެކަނިވެސް 4.4 މިލިއަން މީހުން އަލަށް ނެޓްފްލިކްސް އެކައުންޓް ހުޅުވާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ނެޓްފްލިކްސްގެ މާލީ ރިޕޯޓުތައް ދައްކާގޮތުން، 3 ވަނަ ކުއާޓަރުގެ ތެރޭގައި އަލަށް އެކައުންޓު ހުޅުވި މީހުންނާއެކު ނެޓްފްލިކްސްގެ ޖުމްލަ ސަބްސްކްރައިބަރުންގެ އަދަދު ވަނީ 213.5 މިލިއަނަށް އަރާފައެވެ. ތިންވަނަ ކުއާޓަރުގެ އަދަދުތަކަކީ އެކުންފުންނިން އެކުއާޓަރަށް ލަފާކުރި އަދަދަށްވުރެ ވެސް އިތުުރު އަދަދުތަކެކެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ނެޓްފްލިކްސްއަށް ވަނީ 1.4 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައެވެ. އަދި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ނެޓްފްލިކްސްއަށް ލިބިފައިވަނީ 790 މިލިއަން ޑޮލަރުގެ ފައިދާއެކެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ނެޓްފްލިކްސްއަށް ވަނީ 7.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދަށް 3 ވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ލިބުނުއިރު، އެކުންފުނިން ދަނީ ބެލުންތެރިންނަށް ކަމުދާނެ އުފެއްދުންތައް ނެރުމަށް މަސައްކަތްކުރަމުންނެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވެނީ އެކުއާޓަރުގައި ނެރުނު ކޮރެއާ ސީރީޒެއް ކަމަށްވާ ' ސްކުއިޑް ގޭމް'އެވެ.

ސްކުއިޑް ގޭމް ނެޓްފްލިކްސްއަށް ދޫކޮށްލި ފުރަތަމަ ހަފްތާތެރޭ 142 މިލިއަން މީހުން މި ސީރީޒް ބަލާފައިވާކަމަށް ނެޓްފްލިކްސްއިން ހާމަކުރެއެވެ. މިއީ އެކުންފުނީގެ ތާރީޙުގައި މިހާބޮޑު ތަރުޙީބެއް ސީރީޒަކަށް ލިބުނު ފުރަތަމަ ފަހަރެވެެ.

އަމިއްލަ އުފެއްދުންތައް ގިނަކޮށް، އެކި ބަސް ބަހުން ސީރީޒްތަކާއި ފިލްމުތައް އުފެއްދުމަކީ ނެޓްފްލިކްސްގެ އަމާޒެކެވެ. އަދި މި އަމާޒާއެކު ދުނިޔޭގެ މާކެޓުގައި އިނގިރޭސި ބަސް ނޫން ބަސް ބަހުގެ ފިލްމުތަކާއި ޝޯތަކަށް މިހާރު ލިބޭ ތަރުހީބު ބޮޑުތަނުން ވަނީ އިތުރު ވެފައެވެ. އަދި މިހާރުވެސް ނެޓްފްލިކްސްއިން އިންޑިއާ ކޮރެއާ، ޖަޕާން، ނައިޖީރިއާ ފަދަ ޤައުމުތަކުގެ އުފެއްދުންތަކަށް ދަނީ ޙަރަދު ކުރަމުންދެއެވެ. މިއީ ކުރިއަށް އޮތްތަނުގައި ވާދަވެރި މާކެޓެއްގައި ހިފެހެއްޓުމަށް ނެޓްފްލިކްސްއިން ގެންގުޅޭ އުކުޅެއްކަމަށް ގިނަ ތަޖުރިބާކާރުން ދެކެވެ.