ޚަބަރު

"ހިންމަފުށީ ކުޑަކުދިންގެ ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން"


ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ކަނޑައަޅައިފިއެވެ.

އެޗްއާރުސީއެމްއިން ނެރުނު ބަޔާނެއްގައި ވަނީ އެކޮމިޝަނުން ތަޙްޤީޤު ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ބެލި ބެލުމުން ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫންކަމަށް ފާހަގަވެފައިވާކަމަށެވެ. އެއީ ޤާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ ފުށުއަރާގޮތަށް ހުރި ތަނެއްކަމަށްވެސް އެޗްއާރުސީއެމްއިން ވިދާޅުވިއެވެ.

އަދި އެކޮމިޝަނުން 2020ވަނަ އަހަރުގެ ނޮވެމްބަރުމަހު ހިންމަފުށީ އައްސޭރި ޖަލަށް ކުރި ޒިޔާރަތުގައި އައްސޭރި ޖަލުގައި ބިނާކުރަމުންދާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް، 3 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާކަމަށް އެޗްއާރުސީއެމްއިން ވިދާޅުވެއެވެ.

އެހެންނަމަވެސް މިއަހަރު ސެޕްޓެމްބަރު މަހު ހިންމަފުށީ އައްސޭރި ޖަލަށް ޒިޔާރަތް ކުރިއިރުވެސް އަލަށް ބިނާކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައިނުވާތީ، މިމަހުގެ 14ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށާއި، އެތާރީޚުން ފެށިގެން އެއްވެސް މައްސަލައަކާ ގުޅިގެން އައްސޭރި ޖަލުގައި ޤާއިމްކޮށްފައިވާ ކުޑަކުދިންގެ ޖަލުގައި ކުޑަކުދިން ބަންދު ނުކުރުމަށް އެޗްއާރުސީއެމްއިން ވަނީ ކަރެކްޝަނަށް އަންގަވާފައެވެ.

މި އެންގުމުގައި، ކ.ހިންމަފުނީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ޕްލޭނެއް މިމަހުގެ 24ގެ ކުރިން ކޮމިޝަނަށް ފޮނުވުމަށްވެސް ވަނީ އަންގަވާފައެވެ.

މިބަޔާނާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ އެޗްއާރުސީއެމްއިން ވިދާޅުވި މުއްދަތުގެ ތެރޭގައި ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.