ޚަބަރު

ށ.ނަރުދޫ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށައިފި


ށ.ނަރުދޫގައި ތަރައްޤީކުރި އައު އިންޖީނުގޭގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފަށައިފިއެވެ.

ށ.ނަރުދޫގެ އާބާދިއަކީ 600 އެއްހައި މީހުންނެވެ. ނަމަވެސް އެރަށުން މާލެއާއި އެހެން ރަށްރަށަށް މީހުން ހިޖުރަކުރަން ފެށުމާއެކު ނަރުދޫގައި ދިރިއުޅޭ މީހުންގެ ޢަދަދު މިހާރު ވަރަށްމަދެވެ.

އާބާދީ ކުޑަނަމަވެސް، ކޮންމެ ރަށަކަކީވެސް އެރަށެއްގެ އާބާދީއަށް އެކަށީގެންވާ އަސާސީ ޚިދުމަތްތައް ލިބޭ ރަށަކަށް ހެދުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކަރަންޓުގެ ޚިދުމަތް ދިނުމުގަ ށ.ނަރުދުއަށްއޮތް އެންމެބޮޑު ދަތިކަމަކީ، ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރުމެވެ. އިންޖީނުތަކުން އަރާ ދުމުގެ ސަބަބުން، އެ ސަރަޙައްދުތަކުގެ ގޭގޭގެ ފުރާޅުތަކުން ވާރޭފެން ނެގުމަށްވެސް ދަތިވެއެވެ. އަދި އިންޖީނުގެ އަޑާހެދި ސަރަޙައްދުގަ ދިރިއުޅޭ މީހުންނަށް އުންދަގުލާ ކުރިމަތިވެއެވެ.

2019ވަނަ އަހަރުގެ ފަހުކޮޅު ފެނަކައިންވަނީ ނަރުދޫގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތް ނިންމައި މިހާރުވަނީ ޚިދުމަތްދޭން ފަށާފައެވެ.

އައު އިންޖީނުގެއާއެކު ރަށްރަށުގެ ކަރަންޓު ވިއުގަ، ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ކޭބަލް ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސްވެސް ކުރިއަށް ދެއެވެ. މިއީ ކަރަންޓުގެ މައްސަލަތައް ވިހާވެސް ކުޑަކޮށް، މެއިންޓަނަންސް މަސައްކަތަށް ޚަރަދުކުރާ މިންވަރު ކުޑަކުރުމަށް ކުރާ މަސައްކަތެކެވެ.

އަތޮޅުތަކުގެ 150އަށްވުރެ ގިނަ ރަށަކަށް ކަރަންޓުގެ ޚިދުމަތްދެނީ ފެނަކައިންނެވެ. މި ރަށްރަށުގެ އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތުގެދަށުން، މިހާރުވެސް ގިނަ ރަށްރަށުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.