ޚަބަރު

އެމްއޭސީއެލްގެ 10 މުއައްޒަފަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ދީފި


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ 10 މުއައްޒަފުން، ކުންފުނީގެ ފަރާތުން 1437 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވުމަށް ނިންމަވައި އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.އެ މުއައްޒަފުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި، އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދުއެވެ. ލިޔުން ހަވާލުކުރެއްވި 10 މުވައްޒަފުންނަކީ 2012 ވަނަ އަހަރު ހައްޖަށް ފޮނުވުމަށް ކަނޑައަޅައި އެފުރުސަތު ތަނަވަސްކޮށް ނުދެވިވާ 10 މުވައްޒަފުން ކަމަށް އެމް.އޭސީ.އެލުން މަޢުލޫމާތު ދެއްވައެވެ.މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދު ވިދާޅުވީ، މިއީ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ސަމާލުކަން ފެނިގެންދާ ކަމުގެ ހެއްކެއް ކަމަށެވެ. އެމްއޭސީއލްގެ ފަރާތުން މުއައްޒަފުން ހައްޖަށް ދިއުމުގެ ފުރުސަތު ދެނީ އެކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ. މިރޭގެ ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލް އާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.