ހދ.ކުޅުދުއްފުށީ އެއަރޕޯޓގެ ރަންވޭ ލައިޓިންގ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ ލައިޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކުރީ ބެއިޖިން ޒެޑްއާރް.ޖީ.ޑަބްލިއު ކޯޕަރޭޝަން ލިމިޓެޑާއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިޕްރޮޖެކްޓާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ ސީއީއޯ އަހުމަދު އިބްރާހީމް ވިދާޅުވީ މިމަސައްކަތް 2022 ވަނަ އަހަރު ފެށުމުގެ ކުރިން ނިންމާ ކުޅުދުއްފުށީ އެއަރޕޯޓަށް ޖަނަވަރީ މަހުގެ ތެރޭގައި ރޭގަނޑުގެ ދަތުރުތައް ކުރެވޭނެ ކަމަށެވެ. އަހުމަދު އިބްރާހީމް އިތުރަށް ވިދާޅުވީ އެހެން އެއަރޕޯޓްތަކާ ޚިލާފަށް ކުޅުދުއްފުށީ އެއަރޕޯޓްގައި ޤާއިމްކުރާ ލައިޓިން ސިސްޓަމަކީ ލެޑް ސިސްޓަމެއް ކަމަށާއި، އޭގެ ސަބަބުން ދިމާވާ މައްސަލަތައް މަދުވެ ލައިޓްތަކުގެ އުމުރު ދިގުވުމުގެ އިތުރުން ލައިޓިންގއަށް ހޭދަވާ ކަރަންޓް ޚަރަދު ވަރަށްބޮޑަށް ކުޑަވާނެ ކަމަށެވެ.
އަހުމަދު އިބްރާހީމް ވިދާޅުވީ ކުންފުނިން ހިންގަމުން އަންނަ ހުރިހާ އެއަރޕޯޓެއްގައިވެސް ކުރިޔަށް އޮތްތަނުގައި ލައިޓް ހަރުކޮށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިގޮތަށް ހަރުކުރާ ލައިޓިން ސިސްޓަމްތަކަކީވެސް ލެޑް ލައިޓިންގ ސިސްޓަމް ތަކަކަށް ހެދުމުގެ އިތުރުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ސިސްޓަމަކަށް ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެއިން އުތުރުން އެންމެ ގިނަބަޔަކު ދިރިއުޅެމުންދާ ކުޅުދުއްފުށީގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދާދިނުމުގެ ގޮތުން އެކި ސަރުކާރުތަކުން އައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2013ގައި ރައީސް ޔާމީންގެ ކެމްޕެއިން ވައުދެއްގެ ގޮތުން ކުޅުދުއްފުށީގައި އެއރަޕޯޓެއް ހައްދަވައިދެއްވާނެކަން އިއުލާން ކުރައްވާ އެއަރޕޯރޓްގެ އަމަލީ މަސައްކަތް ފެށިއެވެ.
ރައްޔިތުންގެ ދިގު އިންތިޒާރަކަށްފަހު ކުޅުދުއްފުށީ އެއަރޕޯރޓް ރަންވޭގެ މަސައްކަތް ނިމި 2019 ވަނަ އަހަރުގެ އޮގަސްޓް 9 ވަނަ ދުވަހު ކުޅުދުއްފުށީ އެއަރޕޯޓުން ޝެޑިއުލް ދަތުރުތައްވަނީ ފަށާފައެވެ. މިއެއަރޕޯޓުން ދަތުރުތައް ފެށި ނަމަވެސް ދަތުރުކުރެވެނީ ދުވާލު އެކަނި ކަމުން ރޭގަނޑު ދަތުރު ކުރަންޖެހިއްޖެނަމަ އަދިވެސް ދާންޖެހެނީ ހަނިމާދޫމަގުންނެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އެތައްބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލަކަށް ވުމުން އިމަރޖެންސީ ކޮށް މާލެފޮނުވަންޖެހޭ ބަލިމީހުންވެސް ގިނައެވެ. ބައެއްފަހަރު ރޭގަނޑު މިދަތުރުތައް ކުރަންޖެހުމުން ހަނިމާދޫއަށް ބަލިމީހާ ގޮވައިގެން ދަތުރުކުރަން ޖެހުންވަނީ ރައްޔިތުންނަށް ވަރަށްބޮޑު ބުރަޔަކަށެވެ.
ހދ.ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ ލައިޓިންގ މަސައްކަތުގެ ސަބަބުން ރޭގަނޑުގެ އުދުހުންތައް ފެށި ރައްޔިތުންނަށް ބޮޑު ފަސޭހައެއްވުމުގެ އިތުރުން ބޭސްފަރުވާއަށް ކުޅުދުއްފުއްޓަށް ކުރާ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި ރައްޔިތުން ތިބީ މިފަދަ ދުވަހެއްގެ އިންތިޒާރުގައެވެ.