ޖުލައިމަހު ރާއްޖެއަށް 184،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ނިމުނު ޖުލައި މަހު ރާއްޖެއަށް ވަނީ 184،735 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރުގެ ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު %46 އިތުރު އަދަދެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު %1.9 ދަށް އަދަދެކެވެ.
އަހަރުގެ ފުރަތަމަ 7 މަސް ދުވަހަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ފެބުރުވަރީމަހުގައެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށްވާން ފަށާފައިވަނީ މާރިޗުމަހުން ފެށިގެންނެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުމުގެ ސަބަބުންނެވެ.
* ޖަނަވަރީ: 227،403 ފަތުރުވެރިން
* ފެބުރުވަރީ: 254،556 ފަތުރުވެރިން
* މާރިޗު: 161،259 ފަތުރުވެރިން
* އެޕްރީލް: 152،861 ފަތުރުވެރިން
* މޭ: 142،555 ފަތުރުވެރިން
* ޖޫން: 123,552 ފަތުރުވެރިން
* ޖުލައި: 184،735 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5924 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އަދި ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %73 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ގެސްޓްހައުސްތަކުގައި %22 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.