ޚަބަރު

"މިއީ ފުޓްސަލް ހަގީގީ މަގާމަށް ގެނައުމަށް އެޅުނު ފިޔަވަޅެއް"


  • ފުޓްސަލް އަށް ސަމާލުކަން މިހާތަނަށް ދެވިފައެއް ނެތް

  • ފުޓްސަލްގެ ކުރިމަގު އުޖާލާ ކަމަށް ވިދާޅުވި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ، އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕަކީ ފުޓްސަލް އޭގެ ހަގީގީ މަގާމަށް ގެންދިޔުމަށް އެޅުނު ފިޔަވަޅެއް ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ޒަރީރު ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ އައު ހިންގާ ކޮމެޓީން މަގާމާ ހަވާލުވިއިރު، ފުޓުބޯޅައިގެ ހާލަތު ބަދަލުކުރަން ގިނަ ކަންކަން ކުރަން ހުރި ކަމަށް ޒަރީރު ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ކަމަކީ ފުޓްސަލްގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ރާއްޖޭގެ ފުޓްސަލްއަށް އަޅާނުލެވި އޮތް އޮތުން ބަދަލުކުރުން ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ ރާއްޖޭގެ ފުޓްސަލް ކުޅޭތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި، އެކަމަކު ހަގީގީ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ފުޓްސަލްއަށް ދޭން ޖެހޭ އަހަންމިއްޔަތުކަން އެފްއޭއެމް އަށް މިހާތަނަށް ދެވިފައިނުވާ ކަމަށެވެ.

ފުޓްސަލްގެ ހާލަތު ބަދަލުކުރުމަކީ އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމެޓީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، އެގޮތުން މި މަހު މި ފެށޭ، އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕާއެކު، ފުޓްސަލްގެ ހާލަތު ބަދަލުވެގެން އަންނާނެ ކަމަށެވެ.

"ފުޓްސަލްގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އެފްއޭއެމް އަށް ނެތޭ އޭގެ އެންމެ ޒިންމާދާރު ރޯލެއް އަދާކުރެވިފަ މި ވީހީތަނަށް. އެހެންމަ އަލަށް މިއައި އެކްސްކޯ، އަދި އެފްއޭއެމްގެ ރައީސް ޓޮމްވެސް ވަރަށް އިސްކަމެއް ދީގެން ކުރައްވަން ބޭނުންވާ ކަމެއް ފުޓްސަލް އޭގެ ހަގީގީ މާނައިގައި އެ އޮންނަން ޖެހޭ ހިސާބަށް ގެންގޮސްދިނުން، އެފްއޭއެމް އިން، އޭގެ އެއް ފިޔަވަޅު އަޅުގަނޑުމެން މި އަޅަނީ، އެޓޯލް ލީގާއެކުގައި" ޒަރީރް ވިދާޅުވިއެވެ.

ޒަރީރް ވިިދާޅުވީ، ފުޓްސަލް ހަގީގީ މާނައިގައި މިވަގުތުވެސް ފޯރީގައި ކުރިއަށް ދަނީ އަމިއްލަ ފަރާތަތްތަކުން ފުޓްސަލް އަށް އޮތް ލޯތްބާއެކު ކުރަމުން އައި މަސައްކަތުން ކަމަށެވެ.