ޚަބަރު

ޑްރަގް ވިއްކާ މީހުންނަށް މަޢާފްދޭން ނިންމައި، ދޫކުރީ މިދިޔަ ސަރުކާރުން - ސަލީމް


މަސްތުވާތާކެތި ޓްރެފިކް ކުރާ މީހުންނަށް މަޢާފް ދޭން ނިންމައި، އެފަދަ މައްސަލަތަކުގައި ހައްޔަރުކޮށް އަދަބުދެވޭ މީހުން ދޫކުރަމުންދިޔައީ ނިމިދިޔަ ސަރުކާރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރާ މީހުން ދޫވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގެ ބަހުސް މަރުލާގައި ސަލީމް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުދަނާ ފިޔަވަޅު އެޅުމަށް ޤާނޫނުތައް ކޮންމެ ވެރިކަމެއްގައިވެސް ހެދިފައިވާކަމަށެވެ. ރާއްޖޭގައި މަސްތުވާތަކެތި އެތެރެ ކުރުމާއި ކޮންޓްރޯ ކުރުމަށް ޤާނޫނުތަކުން ލާޒިމްކޮށްފައިވާ ކަންކަމަށް އިސްކަން ދީފައިވަނީ ކޮން ސަރުކާރަކުންތޯ ބަލައިލުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަޢާފްދީ ދޫކުރުމަކީ ހުއްދަ ދެވޭކަމެއް ނޫންކަން ގާނޫނުގައި ބަޔާންކޮށްފައި ވީނަމަވެސް ޤާނޫނަށް ބަދަލު ގެނެސް އެފަދަ ކުށްވެރިން ދޫކުރަން ފެށީ ނިމިދިޔަ ވެރިކަމުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު މިފަދަ މައްސަލަތައް ހުށަހަޅައި ސިޔާސީ ގޮތުން މިމައްސަލަ ނަގައިގެން އުޅެނީ ސަރުކާރުން ހެޔޮ ނިޔަތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާތީކަމަށެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި 1 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމީ މިމަސައްކަތާއިމެދު ސަރުކާރުގެ އިޚްލާސްތެރިކަން އޮތް މިންވަރު ހާމަވާކަމެއްކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

"މިސަރުކާރުން 2018 ވަނަ އަހަރު 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް. 2019 ވަނަ އަހަރާއި ހަމައަށް 284 ކިލޯ އަތުލައިގަތް. 2020 ވަނަ އަހަރު 372 ކިލޯ އަދި މިއަހަރުގެ މިހާތަނަށް 213 ކިލޯގެ މަސްތުވާތަކެތިވަނީ އަތުލައިގަނެފައި." ސަލީމް ވިދާޅުވިއެވެ.

މިމައްސަލައިގައި މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންގެ ތެރެއިން ވާހަކަ ދެއްކެވީ މައްސަލަ ހުށަހެޅުއްވި މެމްބަރު އާދަމް ޝަރީފް އެކަންޏެވެ. މިމައްސަލައިގައި ވާހަކަ ދެއްކެވި ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މަސްތުވާތަކެތި އެތެރެ ކުރުމަށް ހުރި ދޮރުތައް ބަންދު ކުރުމަށް ސަރުކާރުން ނުހަނު ގިނަ މަސައްކަތް ކުރާކަމަށެވެ. ނަމަވެސް އޮތް ކަންބޮޑުވުމަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ދޫވާ މައްސަލަކަމަށެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަޙުޤީޤީ މަރުހަލާއާއި އަދި ކޯޓު މަރުހަލާއިން މިނިވަންވެ، މުޖްތަމަޢުގެ ތެރެއަށް ދޫވުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.