ޚަބަރު

ސީ އެންބިއުލާންސްގެ ގޮތުގައި 2015 ގައި ލިބިފައިވަނީ ބާ އުޅަނދުތަކެއް - މާރިޔާ


ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސީ އެންބިއުލާންސްގެ ގޮތުގައި ބޭނުން ކުރަމުންދާ އުޅަނދުތަކަކީ 2015 ވަނަ އަހަރު ލިބިފައިވާ ބާ އުޅަނދުތަކެއް ކަމަށާއި، ޚިދުމަތް ދިނުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އުޅަދުތައް މަރާމާތު ކުރަންޖެހޭ ނިސްބަތް އިތުރުވުން ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އއ.އަތޮޅު ހޮސްޕިޓަލްގައި ސީ އެންބިއުލާންސްގެ ނަމުގައި ބޭނުންކުރާ ސީ އެންބިއުލާންސް ބާވެ އެކި މައްސަލަތައް ދިމާވާތީ އާއި އެންބިއުލާންސެއް ލިބޭނެ ތާރީޚޭއް ސާފު ކުރުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސީއެންބިއުލާންސްގެ ޚިދުމަތް ފޯރުކޮށް ދެމުންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާއި އެކުގައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި 2015 ވަނަ އަހަރު އެމްއެންޑީއެފް އާއި ޙަވާލުކުރި އުޅަނދުތަކަކީ ގިނަދުވަސްވެ ޙާލަތު ދަށްވެފައިވާ އުޅަނދުތަކެއްކަމަށެވެ. މުޅި ސީ އެމްބިއުލާންސް ފްލީޓަށް ބަލާއިރު މިހާރުވެސް ގްރައުންޑް ކުރެވިފައިވާ މިންވަރު އިތުރުވުމާއި، ޙާލަތު ދަށްވުމުގެ ސަބަބުން ދޫކޮށްލަންޖެހޭނެ ކަމަށް ލަފާކުރެވޭ އުޅަނދުތަކެއްވެސް ހުރިކަމަށެވެ.

ސީ އެންބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރުމަށް އެމްއެންޑީއެފް އާއި 2015 ވަނަ އަހަރު ޙަވާލު ކުރެވުނު 27 އުޅަނދަކީ ކުރީގައި ހޮސްޕިޓަލްތަކުގައި ބޭނުންކުރަމުން އައި ލޯންޗް ފަހަރުތަކެކެވެ. މިއުޅަނދުތަކަކީ އޭރުވެސް ބޭނުންކުރާތާ އެވްރެޖްކޮށް 10 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އުޅަނދުތަކެކެވެ. އަދި، މީގެތެރެއިން ބައެއް އުޅަނދުތަކަކީ ބޭނުން ނުކޮށް ގިނަދުވަސްވެފައިވާ، އަދި ގިނަދުވަސްތަކެއްވަންދެން މެއިންޓެނަންސް ކުރިއަށް ނުގެންދެވިހުރި އުޅަނދުތަކެއްކަމުން ގިނަ އުޅަނދުތަކުގެ ކޮންޑިޝަން އޭރުވެސްވަނީ އުޅަނދުގެ އަސްލު ޢުމުރާ ބަލާއިރު ވަރަށް ދަށް ހާލަތަކަށް ގޮސްފައި ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުގެ ހާލަތު ހުރި ގޮތުންނާއި، ބަޖެޓްގެ ދަތިކަން ހުރި ގޮތަށް ބަލާއިރު، އއ.އަތޮޅު ހޮސްޕިޓަލަށް ވަސީލަތްތައް ފުރިހަމަ އައު ސީ އެންބިއުލާންސެއް ލިބޭނީ، އައު ސީ އެމްބިއުލާންސް ހޯދުމަށް ބޭނުންވާ ފައިސާ އެމްއެންޑީއެފަށް ލިބުމުންކަމަށެވެ. އަދި، މިއަހަރު އެމްއެންޑީއެފަށް އިންޑަކްޓް ކުރެވުނު 06 ސީ އެމްބިއުލާންސް ލިބުނުގޮތަށް ބަލާއިރު، ފައިސާ ހަމަޖެހޭތާ 06 މަސް ދުވަހުގެ ތެރޭގައި އއ.ރަސްދޫގައި އައު ސީ އެމްބިއުލާންސެއް ސްޓޭޝަން ކުރެވިދާނެކަމަށެވެ.

މިހާރު ހުރި ގިނަ ސީ އެމްބިއުލާންސްތަކީ މަރާމާތައް ބޮޑު ހޭދައެއް ކުރަންޖެހޭ ސީ އެންބިއުލާންސްތަކަށްވާއިރު، މިއީ ދެކޮޅު ޖައްސަންވެސް ދަތި ޚަރަދުތަކެއްކަމަށާއި މިއަދު ސަރުކާރުން މިމައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްކޮށް އައު ސީ އެންސިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.