ޚަބަރު

މާލެއިން 14 މީހުންނާއެކު އަލަށް 46 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 46 މީހުން ކޯވިޑަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 86،200އިން މައްޗަށް އަރައިފިއެވެ.

އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަހަކަށް އައިސް އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވަމުން ދަނީ އަތޮޅުތަކުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 46 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 14 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 22 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 9 މީހަކުވެސް މީގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ސަފާރީތަކުންވެސް ވަނީ މީހަކު ޕޮޒިޓިވްވެފައެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 86،211އަށް އަރާފައެވެ. ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް މާބޮޑަށް އިތުރުނުވެ ހިފެހެއްޓިފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވެސް ވަނީ ދަށަށްދާން ފަށާފައެވެ. އެގޮތުން މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،242 މީހުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 13 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 91 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 84،718އަށް އަރާފައެވެ. އަދި ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،668 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 239 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.