ޚަބަރު

3 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައިފި


3 މީހުންނާއެކު ދަތުރުކުރަމުންދިޔަ ކުޑަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުން ވިދާޅުވީ ހދ.ކުޅުދުއްފުށިން ފުރައިގެން ށ.ފީވަކަށް 3 މީހުންނާއެކު ދަތުރުކުރަމުންދިޔަ ކުޑަ ދޯންޏެއް ފީވަކު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ބަންޑުން ޖަހަލާފައިވާކަމަށެވެ. އެހެންނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ދޯނި ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:30 ހާއިރުގައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބުތަކަށް އަންނަނީ ގަދަވަޔައެކު ވިއްސާރަކުރަމުންނެވެ. އަދި ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ އެކި ހާދިސާތައް އަންނަނީ ހިންގަމުންނެވެ. މިގޮތުން މިއަދުވެސް ކަނޑުމަތީގެ އެކި ހާދިސާތައް ހިނގާފައިވާއިރު އެއްގަމުގައި މަސްބާނަށް ހުރި މީހަކުވެސް މޫދަށް ވެއްޓި ވަނީ ނިޔާވެފައެވެ. އަދި ބޯޓެއްގައި ދަތުރުކުރަމުންދިޔަ މީހަކުވެސް ވަނީ ކާށިދޫ ކަނޑަށް ވެއްޓިފައެވެ.

ކަނޑުތައް ގަދަވެ ޚާއްސަކޮށް ވައި ގަދަވުމުގެ ސަބަބުން ކަމާ ގުޅޭ ފަރާތްތަކުން އަންނަނީ މޫސުމަށް ސަމާލުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. އެހެންކަމުން ކޮންމެ ހެން ކުރަންޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް މިދުވަސްކޮޅު ހުއްޓަލުން މުހިއްމެވެ. އަދި ދަތުރުކުރާއިރުވެސް ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލައިފްޖެކެޓް އަޅައިގެން ދަތުރުކުރުން މުހިއްމެވެ.