ޚަބަރު

އެއްގަމުގަމު އުޅަނދުފަހަރު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅަނީ


އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތެއް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.މިފަހަކަށް އައިސް މާލޭގައި ދުއްވާ ބައެއް އުޅަނދުފަހަރުތަކަކީ ބާވެ ހަލާކުވެފައި ހުންނަ އުޅަނދުތައް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ބާވެ، ބޭނުން ނުކުރޭ ވަރަށް ހަލާކުވެފައިވާ އުޅަނދުތައް މިހާރުވެސް ބޭނުން ކުރެވެމުން އަންނަ ކަމަށެވެ. ސައީދު ވިދާޅުވީ، ޓްރާންސްޕޯޓު އޮތޯރިޓީގެ ކޮމިޓީއަކުން މިހާރު އަންނަނީ، ވެހިކަލްތަކަށް ކަނޑައަޅާނެ އެންމެ ދިގު މުއްދަތެއް ހޯދުމަށް ދިރާސާ ކުރަމުން ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެހެން ގިނަ ޤައުމުތަކުގައި ވެސް ކުރާ ކަމެއް ކަން ފާހަގަ ކުރަމުން، މިކަމަށް ތައްޔާރު ކުރާ އުސޫލު ވަރަށް އަވަހަށް ކަނޑައެޅޭނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އުސޫލު ކަނޑައެޅުމަށްފަހު މިކަމާ ގުޅޭގޮތުން އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހުޅުވައިލައްވާނެ ކަމަށެވެ.އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތެއް ކަނޑައެޅުމުގެ މަސައްކަތް ކުރައްވާއިރު މިކަމުގައި އާންމުންގެ ޙިޔާލު ބޭނުންވާކަމަށާއި އެގޮތުން އަންނަ ހަފްތާތެރޭގައި އާންމުންގެ ހިޔާލު ހޯދާލުމަށް ހުޅުވާލާނެކަމަށް ޓްރާންސް ޕޯޓް އޮތޯރިޓީން ވިދާޅުވިއެވެ. އަދި މިކަމުގައި މީޑިއާގެ އެހީތެރިކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެދިވަޑައިގެންފައެވެ. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ބޭނުން ކުރެވޭނެ އެންމެ ދިގު މުއްދަތެއް ކަނޑައެޅުމާއި ބެހޭ ގޮތުން ބައެއް އާންމު ފަރާތްތަކާއި ސުވާލުކޮށްލުމުން އެ ފަރާތްތަކުން ބުނީ އެއީ މިހާރުން މިހާރަށްވެސް ކުރުން ލަސްވެފައިވާކަމެއްކަމުގައެވެ. ގިނަ ދުވަސްވެފައި ހުންނަ އުޅަނދުތަކުގެ ސަބަބުން މާހައުލު ތަޣައްޔާރުވާކަމަށާއި އޭގެން އަރާ ދުމުގެ ސަބަބުން ސިއްހީ މައްސަލަތައްވެސް ކުރިމަތިވާކަމަށް ސިއްހީ ތަޖުރިބާކާރުންވެސް ވިދާޅުވެއެވެ.