ޚަބަރު

މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް ފުރަތަމަ ފަހަރަށް ރައީސްގެ މެޑެލް


2019 ވަނަ އަހަރު މަތީ ޘާނަވީ އިމްތިޙާންތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް ފުރަތަމަ ފަހަރަށްދީ، ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްފިއެވެ. 2019 ވަނަ އަހަރު މުޅި ދުނިޔެއިން ދިވެހި 8 ކުއްޖަކުވަނީ 1 ވަނަ ހާސިލްކޮށްފައެވެ. އަދި ގަދަ 10 އެއްގައި ޖުމުލަ 219 ދަރިވަރަކު ވަނީ ހިމެނިފައެވެ.

2019 ގައި، 1715 އަށް ވުރެ ގިނަ ދަރިވަރުން މަތީ ޘާނަވީ އިމްތިޙާން ތަކުގައި ވަނީ ބައިވެރިވެފައެެވެ. މީގެ ތެރެއިން 20 ސްކޫލަކުން ޖުމްލަ 219 ދަރިވަރަކު އެންމެ ރަގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެތެރޭގައި ހިމެނިފައިވެއެވެ.

ތާޖުއްދީން ސްކޫލްގައި ބޭއްވި ރަސްމިޔާތުގައި ވަނީ މި ކުދިންގެ ތެރެއިން ގަދަ 10 ގައި ހިމެނުނު 219 ދަރިވަރުންނާއި މުޅި ދުނިޔެއިން 1 ވަނަ ހާސިލް ކުރި ދަރިވަރުންގެ އިތުރަށް ވަކި ވަކި މާއްދާތަކުން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދީފައިވެއެވެ. މި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ދަޢުލަތުގެ އެކި ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނެވެ. މީގެއިތުރަށް މި ހަފްލާގައި ވަނީ މަތީ ޘާނަވީ ނިންމާ އިމްތިޙާނުން ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންގެ އަގުވަޒަންކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް ފުރަތަމަ ފަހަރަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައެވެ.

2019 ވަނަ އަހަރު 5 މާއްދާއިން A* ހޯދައިގެން 5 ދަރިވަރަކު ވަނީ 1 ވަނަ ވަނީ ހޯދާފައެވެ. އަދި 4 ދަރިވަރަކު ވަނީ 5 މާއްދާއިން A ފާސް ޙާސިލްކޮށްފައެވެ. މީގެއިތުރުންވެސް، މި އިމްތިހާނުގައި ދުނިޔޭގެ ނިސްބަތުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދުމާއި، 3 އޭ ސްޓަރ ހޯދުމުން އެޑްއެކްސެލް އެގްޒަރމިނޭޝަންސްއިން ދޭ ހައި އެޗީވާރ އެވޯޑު، 2 މާއްދާއިން ދުނިޔޭގެ 1 ވަނަ ހޯދުމުގެ ޝަރަފު ދިވެހި 8 ދަރިވަރަކު ހާސިލުކޮށްފައިވެއެވެ.

2019 ވަނަ އަހަރު، މުޅި ދުނިޔެއިން އެކައުންޓިންގއިން ސައްތައިން ސައްތަ ފުރިހަމަ ނަތީޖާއާއެކު ދިވެހި 4 ދަރިވަރަކު 1 ވަނަ ޙާސިލުކޮށްފައިވާއިރު 2 ދަރިވަރަކު ވަނީ ބިޒިނަސް ސްޓަޑީޒްއިން މުޅިދުނިޔެއިން އެއްވަނަ ހޯދާފައެވެ.

އަހަރުން އަހަރަށް ރާއްޖޭގައި އޭލެވެލް އިމްތިހާން ހަދަމުން އަންނަ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނައިރު މި އިމްތިހާނުން ފަހުރުވެރި ވަނަތައް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ދިވެހި ކިޔަވާ ކުދިން ހޯދަމުންގެންދާ ކުރިއެރުންތަކުން އަންގައިދޭ ކަމަކީ އެދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭންޖެހޭކަމެވެ. އެހެންކަމުން، ކޮންމެ ކުއްޖަކީވެސް އެކުދީންގެ މަދަރުސީ ތަޢުލީމު ނިންމައި ސްކޫލުން ނުކުންނައިރު، ތަޢުލީމީ ރޮނގުންނާއި ފަންނީ ރޮނގުން އިތުރަށް ކުރިއަށްދެވޭނެ ފުރުޞަތުތައް ފަހިވެފައިވާ، ޤާބިލު ބަޔަކަށް ހެދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އަމާޒެއްވެސް މެއެވެ.