ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތަކާމެދު ޢިލްމީ ދިރާސާތަކެއް ހަދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި، ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 6498 ދާއިމީ ދިވެހި މުދައްރިސުން އެބަ މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގެ 1730 މުދައްރިސުންނާއި، 891 ވަގުތީ މުދައްރިސުންނާއެކު، ޖުމްލަ 9119 މުދައްރިސުން މިހާރު ރާއްޖޭގައި އެބަ މަސައްކަތް ކުރައްވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ މި ޢަދަދުތަކަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންކަމަށެވެ. އަދި މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތަޢުލީމީ މަންހަޖު ތަރައްޤީ ކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
"މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލަކީ، ޢިލްމީ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ފަންނީ ގޮތުން، އަޅުގަނޑުމެން މި ބޭނުންވާފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި މިފަދަ މައްސަލަތަކާމެދު ޢިލްމީ ދިރާސާތަކެއް ހަދަންޖެހޭކަމަށެވެ. އަދި ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނީ، ޢިލްމީ ގޮތެއްގައި އެކަންކަން ހޯދައި ބަލައިގެންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
" ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އަޅުގަނޑުގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި. އަޅުގަނޑު ދެންނެވިން މުޞްޠަފާއަށް. މިކަމާ ދޭތެރޭގައި ކޮންމެވެސްކަހަލަ ލިޔުމެއް އަޅުގަނޑަށް ތައްޔާރުކޮށްލައްވަދެއްވާށޭ. އަޅުގަނޑަށް ގެނެސްދެއްވި، 1970 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހިނގަމުން އައިގޮތާއި، އޭރު މުދައްރިސުންނަށާއި ޓީޗަރުންނަށް އޮތް އިޙްތިރާމާއި ޤަދަރާއި، އެ ބަދަލުވުން މިހާތަނަށް އައިގޮތުގެ ވަރަށް ތަފްޞީލީ ކަރުދާހެއް އަޅުގަނޑާ ޙިއްޞާ ކުރެއްވި. ވިދާޅުވި އަދި އޭގެއިތުރަށް މިކަމުގައި ޢިލްމީ ދިރާސާއެއް ކޮށްފައި ނޫނީވިއްޔާ މިއާ ދޭތެރޭގައި ކުރިއަށްދާނެ ގޮތެއް ނުނިންމަވާށޭ. އެހެންކަމުން، ސަރުކާރުން އަޅުގަނޑު މި ގަޞްދު ކުރަނީ ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ، މުޞްޠަފާ އެ ވިދާޅުވިގޮތަށް ޢިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް" ރައީސް ވިދާޅުވިއެވެ.
President @ibusolih and First Lady Fazna attends the Awarding Ceremony for the A-Level Top Achievers of 2019. pic.twitter.com/CkeaTNwY8w
— The President's Office (@presidencymv) October 17, 2021
މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ވަނަތައް ޙާޞިލުކޮށް މިރޭ އިނާމު ޙާޞިލުކުރާ ދަރިވަރުންނާއި މުހާތަބް ކުރައްވާ ރައީސް ސާލިހު ވިދާޅުވީ އެ ކުދިންގެ ޙަޔާތުގައި މިހާރު އާދެވިފައި އެ ތިބީ ވަރަށް މުހިންމު ހިސާބަކަށްކަމަށެވެ. އަދި މަތީ ޘާނަވީ ނިންމައި މަތީ ތަޢުލީމަށް ކުރިމަތިލާއިރު، ޙަޤީޤަތުގައި އެ ފެށެނީ، ޤައުމު އާރާސްތު ކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒު ކުރަންވީ މަރުޙަލާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
"ޑޮކްޓަރުންނަށް ވާން ބޭނުންވާ ކުދިންނާއި، އިންޖިނޭރުންނަށް ވާން ބޭނުންވާ ކުދިން، ތީގެ ތެރޭގައި ތިބޭނެ. ޓީޗަރުންގެ ގޮތުގައި ނުވަތަ ނަރުހުންގެ ގޮތުގައި ކުރިއަށްދާން ބޭނުންވާ ކުދިންވެސް ތިބޭނެ. އަދި އެނޫން ކިތަންމެ ރޮނގަކުން ވިސްނުން ހިންގާނެ ކިތަންމެ ކުދިންނެއް މިތާނގައި ތިބޭނެ. ސަރުކާރު މިއޮތީ ތިޔަކުދިންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް ތިޔަކުދިން ގެންގޮސްދޭން ތައްޔާރަށް. ރާއްޖޭގައި ހުރެގެންވިޔަސް އަދި ރާއްޖެއިން ބޭރުންވިޔަސް، އެ ކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލުކުރުމުގެ ފުރުޞަތު މިހާރު މިއޮތީ ހުޅުވިފައި" ރައީސް ސާލިހު ވިދާޅުވިއެވެ.
2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި އެކިއެކި ވަނަވަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއި ދައުލަތުގެ އިސްވެރިންނެވެ.
2019 ވަނަ އަހަރު 20 ސްކޫލަކުން ޖުމްލަ 216 ދަރިވަރަކު އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައިވެއެވެ. އެއީ އަތޮޅުތަކުގެ ސްކޫލްތަކުން 43 ދަރިވަރަކާއި މާލޭގެ ސްކޫލްތަކުން 179 ދަރިވަރެކެވެ. މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ 139 އަންހެން ދަރިވަރުންނާއި 77 ފިރިހެން ދަރިވަރުންނެވެ.