ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށާާއި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް، ރާއްޖޭގެ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކުރީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާ އާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދުއެވެ.
މިއެމްއޯޔޫގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި ގަސްގަހާގެހި އިންދައި، އެ ތަންތަން އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްރޫޢަކީ މި ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ތިމާވެށްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިމަޝްރޫޢު ކުރިއަށްގެންދިއުމުގެ މަޤްސަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުލިބޭނެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމްކުރުންކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން 4 ލައްކަ ގަސް ސަޕްލައިކޮށްދޭނެއެވެ.
އަދި މިމަޝްރޫޢުގެ ދަށުން 10 ރަށެއްގައި 10 ނާސަރީ ތަރައްޤީކުރުމަށް މިހާރުވެސް ކައުންސިލްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1.8 މިލިޔަން ގަސް އިންދާފައިވެއެވެ.
މި މަޝްރޫޢު ނިމޭއިރު، ރާއްޖޭގެ ރަށްރަށުގެ ފެހިކަން އިތުރުވެ، ދަނޑުވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.