ޚަބަރު

ކަނޑަށް ވެއްޓި ނިޔާވި ނާހިދާގެ ޖަނާޒާ ބާއްވައިފި


ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން އިއްޔެ ދަތުރުކުރި ލޯންޗަކަށް ރާޅުއަރައި ހިނގި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ޖަނާޒާ ބާއްވައިފިއެވެ. ނާހިދާގެ ޖަނާޒާ ބައްވާފައިވަނީ މިއަދު އަޞްރު ނަމާދަށް ފަހު މަސްޖިދުއް ތަޢާވުން، އާސަހަރާ މިސްކިތުގައެވެ.

ނާހިދާގެ މޫނު ދެކިލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ދެކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވެސް ވަޑައިގެންނެވިއެވެ.

ކަނޑުމަތީގެ ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ކޯސްޓް ގާޑުގެ އެހީތެރިކަމާއިއެކު މިއަދު ހެނދުނު 7:30 ހާއިރުއެވެ. ފުލުހުން ވިދާޅުވީ ޙާދިސާއަށްފަހު ނާހިދާ ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ. މިހާދިސާގައި މަރިޔަމް ނާހިދާގެ 4 އަހަރުގެ ދަރިފުޅުވެސް ވަނީ ކަނޑަށް ގެއްލިފައެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުންދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮއްވައެވެ. އަދި ރާޅު އެރުމާގުޅިގެން 3 މީހަކު މޫދަށް ވެއްޓުނު ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނާހިދާއާއި އޭނާގެ 2 ކުދިންނެވެ. މީގެއިތުރުން އެ ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.