ތަޢުލީމު

ވިލާ ކޮލެޖުގެ ދަަރިވަރުންނަށް ޤައުމީ އެއަރލައިނުން ތަމްރީނުވުމުގެ ފުރުޞަތު


ވިލާ ކޮލެޖުގެ ދަަރިވަރުންނަށް ޤައުމީ އެއަރލައިނުން މަސައްކަތު ތަޖުރިބާ ދިނުމަށް ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ވިލާ ކޮލެޖުން ކުރިއަށްގެންދާ ރިޒަވޭޝަން އެންޑް ޓިކެޓިންގ ސެޓްފިކެޓް ލެވެލް 3 ގެ ކޯސް ހަދާ ދަރިވަރުންނަށެވެ.

މި ކޯސް ހަދާ ދަރިވަރުންނަށް ބޭނުންވާ މަސައްކަތު ތަޖުރިބާ ޤައުމީ އެއަރލައިނުން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމެއްގައި އައިލެންޑް އޭވިއޭޝަނާއެކު ވިލާ ކޮލެޖުން މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު ވިދާޅުވީ، އައިލެންޑް އޭވިއޭޝަންފަދަ އޭވިއޭޝަން ދާއިރާގެ ތަޖުރިބާ ހުރި ބޮޑު ކުންފުންޏަކާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމީ ލިބޭ އުފަލެއްކަމަށެވެ. ވަކިން ޚާއްސަކޮށް ވިލާ ކޮލެޖުގެ 14 ވަނަ އަހަރީ ދުވަހާ ދިމާކޮށް މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ލިބުނު އިތުރު އުފަލެއްކަމަށްވެސް ޑރ. އަންވަރު ވިދާޅުވިއެވެ.

ޑރ. އަންވަރު ވިދާޅުވީ، ވިލާ ކޮލެޖަކީ ރާއްޖެއަށް އެކި ދާއިރާތަކުން ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއްދޭ ކޮލެޖެއްކަމަށެވެ. އެގޮތުން މިހާތަނަށް އައިއިރުވެސް އިންޖިނިއަރިންއާއި، އިލެކްޓްރޯނިކްގެ ދާއިރާތައްފަދަ ދާއިރާތަކުން މީހުން ބިނާކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭވިއޭޝަން ދާއިރާއިންވެސް އިތުރު ކޯސްތައް ފަރުމާކޮށް ހިންގުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ޑރ. އަންވަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އޭވިއޭޝަންގެ ދާއިރާގައިވެސް އަދި އެހެން ދާއިރާތަކުގައިވެސް ދަރިވަރުންނަށް މަތީ ތަޢުލީމު ދިނުމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ބައެއް. އިންޖިނިއަރިންނާއި، އިލެކްޓްރޯނިކްގެ ދާއިރާއިންވެސް މީހުން ބިނާކުރުމަށް ބޮޑެތި އިންވެސްޓްމަންޓަކެއް ކުރަން. އޭވިއޭޝަންގެ ދާއިރާއިންވެސް އިތުރު ކޯސްތައް ފަރުމާކޮށް ހިންގުމަށް މިދަނީ ތައްޔާރުވަމުން" ޑރ. އަންވަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ، ވިލާ ކޮލެޖާއެކު ވެވުނު މި އެއްބަސްވުމަކީ ރިޒަވޭޝަން އެންޑް ޓިކެޓިންގ ދާއިރާއިން ކިޔަވާ ދަރިވަރުންގެ ހުނަރު އިތުރުކޮށް ޕްރޮފެޝަނަލް ތަމްރީނާއި، ޢިލްމު އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދޭނެ މަގުފަހިކޮށްދިނުމަށް ވެވުނު އެއްބަސްވުމެއްކަމަށެވެ. އަދި އެކުންފުނިން މި ފުރުޞަތުގެ ބޭނުން ހިފާނީ ތަމްރީނާއި ތަޖުރިބާ ލިބޭނެގޮތަށް ފަރުމާކޮށްފައިވާ މަސައްކަތުގެ ވެއްޓެއްގެ ތެރެއިން ދަރިވަރުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަށްކަމަށްވެސް ޖެނިފާ ވިދާޅުވިއެވެ.

"މި ޕްރޮގްރާމުގެ އެއް މަޤްޞަދަކީ އޭވިއޭޝަންގެ އެކި ދާއިރާތަކުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ އަދި ފަންނުވެރި ޖީލެއް ބިނާކުރުން. މި އިންޓާންޝިޕްގެ ދަށުން މަސައްކަތުގެ މާހައުލަށް ލޯ ހުޅުވި، މަސައްކަތަށް އަހުލުވެރިވެ، މުސްތަޤުބަލުގައި މި ދަރިވަރުންވާނީ ޤައުމީ އެއަރލައިންގެ އިތުރުން އަދި އެކި އެއަރލައިންތަކުންވެސް ވަޒީފާގެ ފުރުޞަތު ފަސޭހައިން ލިބިގެންދާނެ ދަރިވަރުންތަކެއްކަމުގައި" ޖެނިފާ ވިދާޅުވިއެވެ.

އޭވިއޭޝަންގެ ދާއިރާއިން އާއްމު ތަމްރީންތަކުގެ އިތުރުން ޓެކްނިކަލް މަސައްކަތްތަކަށް ބޭނުންވާ އިންޓާންޝިޕްގެ ފުރުޞަތުތައް ޤައުމީ އެއަރލައިނުން ފޯރުކޮށްދިނުމަކީ އައިލެންޑް އޭވިއޭޝަންގެ ވަރަށް ބޮޑު އަމާޒެއްކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެގޮތުން މިފަދަ ފުރުޞަތުތައް ހަމައެކަނި މާލޭ ސަރަޙައްދުގައި ފަހިކޮށްދިނުމުގެ އިތުރުން، އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ އެއަރޕޯޓްތަކާއި، ދަތުރުކުރާ އެއަރޕޯޓްތަކުގެ އިތުރުން އެކުންފުނީގެ އޮފީސްތައް ޤާއިމުވެފައިވާ ސަރަައްދުތަކުންވެސް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.