ޚަބަރު

ޕްރައިވެޓް ޖެޓްތަކުން އުކާލާ، ކުނި ބަލައި ފާސްކުރަން ނިންމައިފި


ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުން އުކާލާ، ކުނި ބުނި ވެސް ބަލައި ފާސްކުރާ ގޮތަށް ކަސްޓަމްސް ސާރވިސްއިން ނިންމަވައިފިއެވެ.ކަސްޓަމްސްއިން ވިދާޅުވީ، ޕްރައިވެޓް ޖެޓްތައް ސާފުކޮށްފައި އުކާލައި ކުނި ބުނި ކުރިން ޗެކް ނުކުރި ނަމަވެސް ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން އެތަކެތި ވެސް ބަލައި ފާސްކުރުމަށް ނިންމަވާފައިވާކަމަށެވެ. މީގެ ކުރިން ޖެޓްތަކުން އުކާލާ ކުނި ބަލާ ފާސްކުރަނީ، ޝައްކުކުރެވޭ ކަމެއް ދިމާވެއްޖެނަމައެވެ. ނަމަވެސް މިހާރު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ އެންގެވުމާ އެކު ޖެޓްތަކުން ބާލާ ހުރިހާ ކުނިތަކެއް ބަލައި ފާސްކޮށްފައި ނޫނީ އުކާނުލެވޭނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.މި ދުވަސްވަރަކީ، އާ އަހަރުގެ ޗުއްޓީއަށް ގިނަ އަދަދެއްގެ މުއްސަނދިން ޕްރައިވެޓް ޖެޓްތަކުގައި ރާއްޖެ އަންނަ ދުވަސްވަރެކެވެ. އެންމެ ގިނަ ޖެޓްތައް ބާއްވާފައި އޮންނަނީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓާއި، އައްޑޫ ގަން އެއާރޕޯޓާއި މާމިގިލީ އެއާޕޯޓްގައެވެ.