ޚަބަރު

މަޙުމޫދުގެ މަރާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް


އދ.ދަނގެތީގައި އަނިޔާވެރިކަމާއެކު މަރާލާފައި އޮތްވައި ފެނުނު މަޙުމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މިބިދޭސީ މީހާއަކީ ދަނގެތީގައި މަސައްކަތް ކުރަމުންދާ ފިރިހެނެއް ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ފުލުހުން މިމީހާ ހައްޔަރުކޮށްފައިވަނީވެސް ކޯޓު އަމުރެއްގެ ދަށުންނެވެ. މިމީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ބިދޭސީ މީހާއަށް ޝައްކުކުރެވެނީ ކޮންގޮތަކުންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިހަމަލާއާ ގުޅިގެން ފުލުހުންގެ ތަޙްޤީގު ޓީމުން އަދިވެސް އަންނަނީ އެރަށުގައި ޙަރަކާތްތެރިވަމުންނެވެ.

މަޙުމޫދު މަރާލާފަ އޮއްވައި ފެނިފަވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭނާ އޮތީ މަރާލުމަށްފަހު، ފަޅު ގެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައެވެ. ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ޙަމަލާދީފައިވާ ގިނަ ނިޝާންތައް ހުރިކަމަށް މަންޒަރުދުން މީހުން ބުނެއެވެ. އަދި އިތުރު ތަޙުލީލުތަކަށް މަޙުމޫދުގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އަނބުރާ ރަށަށްގެންގޮސް ހަށިގަނޑު ހުކުރު ދުވަހުގެ ހަވީރުއެވެ.

މަޙުމޫދުގެ މަރާ ގުޅިގެން ރައްޔިތުން ޝައްކުކުރި 3 މީހަކު ފުލުހުންނާ ޙަވާލުކޮށްފައިވެއެވެ. ނަމަވެސް ފަހުން މި 3 މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރަށުން ބާލައި މަހިބަދުއަށް ގެންގޮސްފައެވެ. މިއިން އެއްވެސް މީހަކު މިކަމުގައި ޝާމިލްވާކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަޙުމޫދުގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ ބުދަދުވަހުގެ ރެއެވެ. އެހެންކަމުން ބެލެވެނީ އޭނާއަށް ޙަމަލާދީ މަރާލާފައިވަނީ އެރޭގެ ދަންވަރުގެ ވަގުތެއްގައިކަމަށެވެ.