ވިޔަފާރި

މިނިމަމް ވޭޖާއިއެކު ރިސޯޓް މުވައްޒަފުންނަށް ހިތްހަމަޖެހުން


އެންމެކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅާނެ އިރަކަށް ރާއްޖޭގެ ވަޒީފާ އަދާކުރާ މީހުން ތިބީ ކެތްމަދު ވެފައެވެ. މިމަސައްކަތުގައި މިހާރު ކުރިއަށްދަނީ އެންމެފަހު މަރުހާލާއެވެ. ދެންއޮތީ ގޮތެއް ނިންމުމެވެ.

ސަރުކާރުން މިވަގުތު ކުރަމުންދާ މަސައްކަތަކީ މިނިމަމް ވޭޖް ބޯޑުން ހުށަހަޅާފައިވާ ޢަދަދުތަށް ދިރާސާ ކުރުމެވެ. ނަމަވެސް މިހާރު ކަނޑައެޅިފައިވާ ޢަދަދުތައް ތަންފީޒު ވެގެންދާނީ މިނިސްޓްރީން އެގޮތަށް ނިންމައި ޢާންމުކުރާ ހިސާބުންނެވެ. މިހާރު ހުށަހަޅާފައިވާ ޢަދަދުތަކަށް ބަލާއިރު މިކަމުގެ އެންމެބޮޑު ފައިދާވެގެންދާނެ އެއްބަޔަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

ފަތުރުވެރިކަމުގެ ދައިރާގައި ޙަރަކާތެރިވާ މުވައްޒަފުންގެ މިހާރުގެ ޙާލަކީ ކޮބާ؟

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)އާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތްކުރާ މީހުންނާ ބެހޭގޮތުން ނެރެފައިވާ އެމްޕްލޯއީ ސާވޭ 2020ގައި ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ފެށުނުއިރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާގައި 48،664 މީހަކު މަސައްކަތް ކުރެއެވެ. ނަމަވެސް ކޯވިޑް-19ގެ ޙާލަތާއެކު ރިސޯޓުތައް ބަނދުކުރުމާ ގުޅިގެން، ގިނަ ބައެއްގެ ވަޒީފާ ގެއްލި މުސާރަ އުނިވެގެން ދިޔައެވެ. މިއާއެކު އަހަރު ނިމުނުއިރު، ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރަމުންދާކަމަށް ރަސްމީކޮށް ދައްކަނީ 35،887 މީހުންނެވެ. މި ޢަދަދަކީ މިސިނާޢަތުގައި ޙަރަކާތްތެރިވާ ދިވެހިންނާއި ބިދޭސީންނާ އެކުވެގެން ހޯދާފައިވާ ޖުމްލަ ޢަދަދެކެވެ.

ކޯވިޑުގެ ޙާލަތުން ރާއްޖެ އަރައިގަންނަމުންދާ މިދަނޑިވަޅުގައި، މިސިނާޢަތުގެ އެންމެގިނަ ބަޔަކު ވަކާލާތުކުރަމުން އަންނަ ކަމަކީ އެންމެކުޑަ އުޖޫރަ އަވަހަށް ކަނޑައެޅުމެވެ. އެންސީބީގެ ސަރވޭ ރިޕޯޓު ބޫނާގޮތުން ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެވްރޭޖް ގޮތެއްގައި އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ، 300 ޑޮލަރާއި 499 ޑޮލަރާއި ދެމެދުގެ ޢަދަދެކެވެ.

މިއީ ޖުމުލަ މުވައްޒަފުންގެ ތެރެއިން %53 މުވައްޒަފުންގެ އަސާސީ މުސާރައެވެ. މީގެ އިތުރަށް %17 މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި 300 ޑޮލަރަށް ވުރެ ދަށް މުސާރައެއް ލިބޭކަމަށް މިދިރާސާއިން ދައްކައެވެ. އެހެން ކަމުން އެންމެ ކުޑަ އުޖޫރަ މިހާރު އޮތް ގޮތަށް ކަނޑައެޅިއްޖެނަމަ، މިސިނާޢަތުގައި ޙަރަކާތްތެރިވާ %70 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ފަތުރުވެރިކަމުގެ ދައިރާގައި ޖުމްލަ މުސާރަ އެންމެބޮޑަށް ބިނާވަނީ ސަރވިސް ޗާޖަށް ކަމަށްވުމުން ޖުމްލަ، ޢާމްދަނީ އެކި މަސްމަހު ތަފާތުވާކަމަށް ސިނާޢަތުގައި ޙަރަކާތްތެރިވާ މީހުން ފާހަގަކުރެއެވެ. އަދި އެކިފަންތީގެ އެކި ރިސޯޓުތަކުގައި މިޢަދަދުގައި ބޮޑެތި ފަރަޤުތައް ހުންނަކަން އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން އެއް ހަމައެއްގައި އެއް ފަންތިއެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވެއެވެ.

މި ސިނާޢަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް އެންމެކުޑަ އުޖޫރަ ކަނޑައަޅައިފިނަމަ ފައިދާ ވާނެ!

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައަޅާފައިވާ ގޮތުން އެންމެކުޑަ އުޖޫރައެއް ލިބޭ އަމިއްލަ ކުދި ވިޔަފާރިތަކުން، ދުވާލަކު 8 ގަޑިއިރަށް ބަލައިގެން މަހަކު ދޭންޖެހޭ އެންމެކުޑަ މުސާރައަކީ 5،700ރ. އެވެ. ސިވިލް ސާވިސްގެ އެންމެދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް 7،000ރ. ކަމަށްވީހިނދު މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން ދެވޭނެ ޢަދަދަކީ 8،000ރ. ކަމަށް އެ ބޯޑުން ވަނީ ނިންމާފައެވެ. އަދި ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 8900ރ. ދޭން ޖެހޭނެ ކަމަށް ވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ރިސޯޓުތަކަށް ބަލާއިރު ރިސޯޓުތައް ހިމެނޭނީ ބޮޑެތި ވިޔަފާރީގެ ތެރޭގައެވެ. އެހެން ކަމުން އެންމެދަށް މުސާރައަށް ލިބޭ މުވައްޒަފަށް ވެސް މަހެއްގެ މައްޗަށް މަދުވެގެން (570 ޑޮލަރު) ނުވަތަ 8900ރ. ޖެހޭނެއެވެ. މިއީ ތަފާސްހިސާބުތަކަށް ބަލާއިރު ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ %70 މީހުންނަށް މުސާރައިގެ ގޮތުން ލިބޭ ކުރިއެރުމެކެވެ.

މިނިމަމް ވޭޖު ކަނޑައެޅި، މިހާރު ހުރި ޢަދަދުން މުސާރަ ދެވެން ފެށުމަކީ ގިނަ ރިސޯޓު މުވައްޒަފުންގެ އުންމީދެކެވެ. އަދި އެމީހުން ޤަބޫލު ކުރާ ގޮތުގައި ރިސޯޓު މުވައްޒަފަކަށް 10،000ރ. އާއި 12،000ރ. ދެމެދުގެ ޢަދަދެއް ޖުމްލަ ލިބިގެން ނޫނީ މިހާރުގެ ހާލަތަށް ބަލާއިރު ނޫޅެވޭނެއެވެ.

ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޖަމްޢިއްޔާ، ޓުއަރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން(ޓީމް)އިން އެންމެ ކުޑައުޖޫރަ ކަނޑައެޅުމާގުޅޭ ގޮތުން، ބުނެފައިވަނީ މިއީ އެ ޖަމްޢިއްޔާއިން 2015ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންއައި ކަމެއްކަމެވެ. އަދި ބޯޑުން ނިންމި ނިންމުމާއެކު ރިސޯޓު މުވައްޒަފުންގެ މުސާރައިން ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ ރާއްޖޭގައި ކަނޑައެޅިގެން ދާއިރު، މުޅި އޭޝިއާ ސަރަހައްދަށް ބަލާއިރުވެސް މިނިމަމް ވޭޖްގެ އެންމެ ރަނގަޅު ރޭންޖެއް މިއަންނަނީ ރާއްޖެއަށެވެ. އަދި މިހާރު މުސާރަ މަސައްކަތް ކުރާ ގަޑިން، ދޭން ފެށުމުން މިކަމުގެ ފައިދާ ޕާޓްޓައިމްކޮށް މަސައްކަތް ކުރާ މީހުންނަށް ލިބިގެންދެއެވެ.

މިހުރިހާ ކަމަކާއެކު ސަރުކާރަށް މިނިމަމް ވޭޖް ބޯޑުން އެރުވި ލަފާ ދިރާސާ ކުރަމުންދާއިރު، މިހާރު އޮތްގޮތަށް އެކަން ނިމިގެން ގޮސްފިނަމަ އެންމެ ބޮޑު ފައިދާއެއް ލިބިގެންދާ ސިނާޢަތަށް ފަތުރުވެރިކަން ވެގެންދާނެއެވެ. އެހެން ކަމުން މިހާރު މިސިނާޢަތުގެ މުވައްޒަފުންގެ އިންތިޒާރަކީ ސަރުކާރުގެ މަސައްކަތް ނިމި މިކަން ތަންފީޒުވެގެން ދިއުމެވެ.

ޗެރީ

ތި ހިންހަމަޖެހުން މޮޅިވެރިކަމައް ބަދަލުވާނެ އަދި، މިނިމަމް ވޭޖައް އަމަލް ކުރަން ފެށުމުން މިހާރު ލިބެމުން މިދާ ސާވިސްޗާޖް އައް ބޮޑެތި ބަދަލް ތަކެއް އްންނާނެ..... އެއީ މިހާރު ވެސް 10% ސާވިސްޗާޖް އޭކިޔާފަ ދެނީ އެ ކުންފުންޔަކުން ދޭން ހިތައް އެރި ވަރެއް.......