ޚަބަރު

ލޯންޗު ހާދިސާގައި ގެއްލުނު ކުޑަކުއްޖާގެ މަންމަ ނިޔާވެއްޖެ


ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅު އެރި ހާދިސާއެއްގައި އެ ލޯންޗުން ދަތުރުކުރި އަންހެނަކު ނިޔާވެއްޖެއެވެ.

12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮތްވައެވެ. އަދި ރާޅު އެރުމާއި ގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ 2 ކުދިންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މޫދަށް ވެއްޓުނު 3 މީހުންގެ ތެރެއިން އަންހެން މީހާ ނިޔާވެފައިވާއިރު، އޭނާގެ 4 އަހަރުގެ ކުއްޖަކު ވަނީ ގެއްލިފައެވެ.

ފުލުހުން ވިދާޅުވީ އަންހެން މީހާ ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ. މީގެއިތުރުން އެ ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެ ލޯންޗު މިހާރު ވަނީ މާލެ އަތޮޅު ގުރައިދޫއަށް ގެންގޮސްފައިވާކަމަށެވެ.