ޚަބަރު

ކަރަންޓު ސިސްޓަމްތައް ޓެސްޓުކުރުމުގެ މަސައްކަތް ކާމިޔާބު: ސްޓެލްކޯ


މާލެއާއި ހުޅުމާލޭގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް ޓެސްޓްކުރުމުގެ މަސައްކަތް ކާމިޔާބުކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ކޮންމެހެން ކުރަންޖެހޭ ޓެސްޓުތަކެއް ކުރުމަށްޓަކާ މިއަދު ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން އިއްޔެ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތައް އެއްވެސް މައްސަލައެއް ދިމާނުވެ މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ ޓެސްޓްތައް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނިން ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކޮށް، ކުންފުނީގެ ސިސްޓަމްތައް އަދާހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ވަނީ ފާހަގަކުރައްވާފައެވެ.

މާލޭ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން، އެކުންފުނީގެ ސިސްޓަމްތަކުގެ މުހިއްމު ޓެސްޓުތަކެއް މިއަދު ހަދާފައިވާއިރު، ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގާއަކުން އެކުންފުނިން މިހާރު ވަނީ ގުޅާލާފައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވާ ސަބްސްޓޭޝަންތައް އެނަޖައިޒްކުރުމުގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި ސްޓެލްކޯއިން ކޮށްފައިވެއެވެ.

އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުމާލޭގައި 95 މެގަވޮޓްގެ 4 ޓްރާންސްފޯމަރު އަދި ހުޅުލޭގައި 8 މެގަވޮޓްގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި މަޝްރޫޢުގެ ކަނެކްޝަން ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖް ދަށުންނެވެ. 3 ސަރަޙައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ޖުމްލަ 6 ކޭބަލް މެދުވެރިކޮށް އަޅާފައިވާ މި އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ހަކަތަ ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލްއެކެވެ.