ޚަބަރު

މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، މޫސުން ގޯސްވާނެ


މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އުތުރާއި، މެދުރާއްޖެތެރޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން ރޭ ދަންވަރުން ފެށިގެން މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓްގެ ވަގުތު 3 ވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، ގަޑިއަކު 28 މޭލާއި، 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެހެންނަމަވެސް މިދުވަސްކޮޅު ރާއްޖޭގެ ބޮޑުބަޔަކަށް އާދަޔާއި ޚިލާފަށް ވައިގަދަވެ، ކަނޑުތައް ގަދަވެފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގެ އުތުރާއި ދެކުނުގައި އުފެދިފައިވާ 2 ސަރކިއުލޭޝަނެއްގެ ސަބަބުންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ރާއްޖެ ހިމެނޭ ސަރަޙައްދަށް ވައިމަޑުވާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުންކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ކުރިއަށްއޮތް ދެ ދުވަހު ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނީ މެދުރާއްޖެތެރެއާއި، އުތުރުގެ އަތޮޅުތަކަށެވެ.

ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 6 ފޫޓާއި 8 ފޫޓު ހުންނާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ. އަދި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަކުންވެސް ޚާއްސަކޮށް، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދެއްވާފައެވެ.