ޚަބަރު

އުތީމުގެ އައު އިންޖީނުގެއަށް އަންނަ މަހު ޚިދުމަތް ބަދަލުކުރާނަން: ފެނަކަ


ރަށްރަށުގެ އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، ހއ.އުތީމުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފްތާއަށް ނިންމާނެ ކަމަށް ފެނައިން ވިދާޅުވެއްޖެއެވެ.

އަތޮޅުތަކުގެ ގިނަ ރަށްތަކަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެކުންފުނިން ގެންދަނީ ރަށްރަށުގައި ހުރި ބާ އިންޖީނުގެތަކުގެ ބަދަލުގަ އައު އިންޖީނުގެތައް ތަރައްޤީކުރުމާއި، މީހުންނަށް އުނދަގޫވާގޮތަށް ރަށުތެރޭގައި ހުރި އިންޖީނުގެތައް ދުރު ސަރަޙައްދަށް ބަދަލުކުރުމާއި، ރަށްރަށުގެ ކަރަންޓު ނެޓްވޯކްތައް ޒަމާނީ ވަސީލަތްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މީހުން ދިރިއުޅޭ ސަރަޙައްދުގައި އިންޖީނުގެ ހުރުމުގެ ސަބަބުން އެކަމުގެ ދަތިކަން ކުރިމަތިވެފައިވާ އެއް ރަށަކީ ހއ.އުތީމެވެ. މީގެ ފަންސަވީހަކަށް އަހަރުކުރިން ރައްޔިތުން އުތީމު ހިންގަންފެށި އިންޖީނުގެ މިހާރު ހިންގަމުންދަނީ ސަރުކާރުން ފެނަކައާ ހަވާލުކޮށްގެންނެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިހާރު ރަށުގެ އިންޖީނުގެ ހުރި ތަނަކީ، ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގެ ސީދާ މެދުކަމަށެވެ. މީގެސަބަބުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ 25އަކަށް އަހަރު ކުރިން ހެދި އިންޖީނުގެއެއް. އިންޖީނުގޭގެ އިމާރަތުގެ ޙާލަތު މިހާރުވެސް ރަނގަޅު. އެކަމަކު އިމާރާތް މިހުރީ ސީދާ މީހުންއުޅޭ ސަރަޙައްދު މެދުގައި. އޭގެ ސަބަބުން އަޑުގަދަވުމާއި، ޚާއްސަކޮށް ވާރޭފެން ނެގުމުގައި ބޮޑެތި ދަތިތައް އެބަހުރި. އަދި ކައިރި ބައެއް ގޭގެއަށްވެސް ގެއްލުންވަމުންދޭ." ރަޝީދު ވިދާޅުވިއެވެ.

އުތީމުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފެނަކައިން ފެށީ، މިދިޔަ އަހަރުގެ ފެބްރުއަރީމަހުއެވެ. މިއީ ރީތި ފަރުމާއަކަށް ތަރައްޤީކުރާ ޒަމާނީ އިންޖީނުގެއެކެވެ. ޕްރޮޖެކްޓްގެ ދަށުން އިންޖީނުގެއާއި، އޮފީސް އިމާރާތާއި، ޑީސަލް ރައްކާކުރާ ޓޭންކާއި ޗިމްނީ ހެދުން ހިމެނެއެވެ. ފެނަކައިން ވިދާޅުވީ އިމާރާތުގެ ހުރިހާ މަސައްކަތްތައް މިހާރު މުޅިން ނިމިފަވާކަމަށެވެ.

އަދި މިވަގުތު ކުރަމުންދަނީ ކަރަންޓު ވިއުގަ ޒަމަނީ ފެންވަރަށް އަޕްގްރޭޑްކުރުމުގެ މަސައްކަތްކަމަށެވެ. ފެނަކައިން އާ އިންޖީނުގެތައް ތަރައްޤީކުރުމުގެ މަސައްކަތާ އެކުއެކީގައި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދެއެވެ. ފެނަކައިން ވިދާޅުވީ އުތީމު އިންޖީނުގޭގެ ޚިދުމަތް އައު އިންޖީނުގެއަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފްތާއަށް ނިންމާނެކަމަށެވެ. އަދި ވަރަށް އަވަހަށް އާ އިންޖީނުގެއިން ރަށަށް ކަރަންޓުގެ ޚިދުމަތް ފަށާނެކަމަށެވެ.

1000 އާއި ގާތްކުރާ އާބާދީއެއް ދިރިއުޅޭ އުތީމުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރަމުން އަންނަކީ 100ކިލޯވޯޓާއި، 200ކިލޯވޮޓް އަދި 160ކިލޯވޮޓްގެ އިންޖީނާއިއެކު ޖުމްލަ 460ކިލޯވޮޓްގެ ކަރަންޓު ކެޕޭސިޓީއެވެ. އަދި އެ ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި 150ކިލޯވޮޓްގެ ކަރަންޓު އަންނަނީ ބޭނުންކުރަމުންނެވެ.