ވިޔަފާރި

ދަނޑުވެރިންނަށް ޚާއްސަ އަތްމަތީ ފޮތް "ދަނޑުވެރިޔާ" ރައީސް ނެރެދެއްވައިފި


އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުވެރިންނަށް ޚާއްސަ އަތްމަތީ ފޮތް "ދަނޑުވެރިޔާ" ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް މިފޮތް ނެރެދެއްވީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދިމާކޮށް ތ. ކަނޑޫދޫގައި ކުރިއަށްދިޔަ ޚާއްސަ ހަރަކާތްތަކުގެ ތެރެއިންނެވެ.

އެގްރޯނެޓުން ވިދާޅުވީ، ދަނޑުވެރިޔާ މި ފޮތުގައި އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގެ ދަށުން ހައްދާ 17 ބާވަތާއި ގުޅޭ މައުލޫމާތު ހިމަނާފައި ހުންނާނެކަމަށެވެ. އެގޮތުން އެ ބާވަތްތައް ހައްދާނެ ގޮތްތައް މި ފޮތުގައި ކިޔާދީފައި ހުންނާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގައި ބައިވެރިވެފައިވާ ހުރިހައި ދަނޑުވެރިންނަށްވެސް މި ފޮތް ހިލޭ ލިބޭނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގެ ދަށުން މިހާރު 700 އަށްވުރެ ގިނަ ދަނޑުވެރިންނާއެކު ވަނީ ސޮއިކޮށްފައެވެ. އަދި 500 އަށްވުރެ ގިނަ ދަނޑުވެރިންނާއިއެކު އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އުފައްދާފައިވާ އެގްރޯނެޓް ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރެވޭނެ ގޮތްތަކެއް އަމަލީގޮތުން ދަނޑުވެރިންނަށް ދެއްކުމެވެ. އެގްރޯނެޓުން ވިދާޅުވީ، އެ ކުންފުނިން ދަނޑުވެރިންގެ އަތުގައި ހިފައިގެން ދަނޑުވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކޮށްދީ ދަނޑުވެރިންނާއިއެކު ދެމިތިބޭނެކަމަށެވެ.