ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށުން ފަސޭހައިން ދަނޑުވެރިންނަށް ބިން ލިބޭނެގޮތް ހަދަނީ


ރާއްޖޭގެ ދަނޑުވެރިންނަށް އަމިއްލަ ރަށުގައި ތިބެގެން ދަނޑުވެރިކަން ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރަށުގައި ދަނޑުވެރިކަން ކުރުމަށް އެކަށީގެންވާ ގޮތެއްގައި ބިން ނުލިބުން ކަމަށާ، އެކަން ޙައްލުކުރުމުގެ ގޮތުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ތ.ކަނޑޫދޫގައި ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުވެރިކަމާއި ކާބޯތަކެތީގެ މުހިންމުކަން ފާއިތުވެދިޔަ ދޮޅު އަހަރެއްހައި ދުވަހު ތަޖުރިބާ ކުރެވިފައިވާކަށެވެ. ކޯވިޑާ ގުޅިގެން މުޅި ދުނިޔެ ބަންދުވެ ދަތުރުފަތުރު ނުކުރެވޭ ޙާލަތަކަށް ދިޔައިރު، ރާއްޖެފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ދަނޑުވެރިކަމުގެ ބޭނުން ތެރިކަން އިހުސާސް ކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް މިއަދު ދިމާވެފައިވާ އެންމެބޮޑު ދައްޗެއްގެ ގޮތުގައި ދަނޑުވެރިކަންކުރާ މީހުން ފާހަގަކުރަނީ އަމިއްލަ ރަށުގައި ތިބެގެން ނުވަތަ މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަން ކުރުމަށް ބިން ނުލިބުމެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ކައުންސިލްތަކާއި ވާހަކަ ދައްކަވައިގެން އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ ކައުންސިލްތަކާ ވާހަކަ ދައްކައިގެން ދަނޑުވެރިންނަށް މިއަށްވުރެއް ފަސޭހައިން މީހުން ދިރުއުޅޭ ރަށްރަށުން ބިން ހޯދައިދޭން މަސައްކަތް ކުރާނެވާހަކަ ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ދަނޑުވެރިކަން ފުޅާކޮށް، ދަނޑުވެރިންނަށް ފަހި ގޮތްތައް ތަނަވަސް ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އަލި އަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެތި ބާޒާރަށް ނެރެ، އެއަށް އެކަށީގެންވާ އަގެއް ހޯދުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި ދަނޑުވެރިކަމުން އުފައްދާ ތަކެތި މެދުނުކެނޑި ލިބޭނެގޮތަކަށް ދަނޑުވެރިންގެ މަސައްކަތްތައް ބައްޓަންވާނޭހެން މިއަދު ކަންކަން ފަހިވަމުންދާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން އެގްރޯނެޓްގެ ނަމުގައި ސަރުކާރުން އުފެއްދެވި ކުންފުންޏަކީ ދަނޑުވެރިންނަށް ފަސޭހަކަމާއެކު އުފައްދާ ތަކެތި ވިއްކޭނެ ގޮތް ހެދުންކަމަށެވެ. އަދި ރިސޯޓްތަކަށާއި، ކަސްޓަމަރުންނަށް ބޭނުންވާ މިންވަރަށް އުފައްދާ ތަކެތި ލިބޭނެގޮތް ހެދޭނެ އިންތިޒާމު މިއަދު ފަސޭހައިން ހަމަޖެހިފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ރިސޯޓުތަކުން ބޭނުންވަނީ ޔަޤީންކަމާއެކު ގަންނަން ބޭނުންވާ ތަކެތި ހޯދައިދިނުން. ދަނޑުވެރިން ބޭނުންވަނީ އުފައްދާ ތަކެތި ވިކޭނެ ގޮތެއް ހޯދައިދިނުން. ސަރުކާރުން ދަނީ އެކަމަށް ގޮތްތަކެއް ހޯދައި ދިނުން. އެގްރޯނެޓްގެ ކުންފުނީގެ ބޭނުމަކީ އެއީ، ދަނޑުވެރިން އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ވިއްކޭނެ މަގެއް ހޯދުން. އެގްރޯނެޓުގެ ފަރާތުން މިހާތަނަށް 516 ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ހެދި، 68 ފަރާތެއްގެ ތަކެތި ދަނީ ގަނެ ބާޒާރަށް ނެރެމުން. ހަމަ މިއާއިއެކު އެސްޓީއޯއިންވެސް ދަނީ 400 ފަރާތަކާ، ކޮންޓްރެކްޓްކުރެވި، 60 ފަރާތެއްގެ ތަކެތި ގަނެ މާކެޓަށް ނެރެމުން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރަމުން އަންނަ ކުދި ޤައުމުތަކުންވެސް ކުރަމުންދާ އުސޫލުން ކުރުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ވާޓިކަލް ފާމިންއާއި، ފެނުގައި ގަސްއިންދުން ތަޢާރަފްކޮށް އެފަދަ ގޮތަކަށްވެސް ދަނޑުވެރިކަން ކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.