ޚަބަރު

ކުޅުދުއްފުށީގައި އިންކްލޫސިވް ސްޕޯޓްސް ފެސްޓިވަލެއް ބާއްވައިފި


މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުޅުދުއްފުށީގައި އިންކްލޫސިވް ސްޕޯޓްސް ފެސްޓިވަލެއް ބާއްވައިފިއެވެ.

މިއީ ހދ.ކުޅުދުއްފުށީ ކައުންސިލާއި ނެޝަނަލް ޕެރަލިމްޕިކް ކޮމިޓީއާއި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވި ފެސްޓިވަލެކެވެ.

މި ފެސްޓިވަލްގައި ކުޅުދުއްފުށީ ސްކޫލްތަކުގައި ކިޔަވަމުންދާ ޚާއްސައެހީއަށް ބޭނުންވާ ގިނައަދަދެއްގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ. މި ފެސްޓިވަލްގައި އެކުދިންނަށް ކުޅެވޭނެފަދަ ގިނަ ކުޅިވަރުތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ފެސްޓިވަލަށް ކުޅުދުއްފުށިން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މި ފެސްޓިވަލްގައި ބައިވެރިވި ދަރިވަރުންނަކީ ވަރަށް ހުނަރުވެރި ކުދިންތަކެއްކަން ޕެރަލިމްޕިކް ކޮމެޓީއާއި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ކުދިންނަށް ޚާއްސަކޮށްގެން މިފަދަ އިވެންޓެއް ގެންދިއުމުގެ އެއްމެބޮޑު އެއްބޭނުމަކީ މުޖްތަމައުގެ ތެރޭގައި މިފަދަ ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދާދިނުން ކަމުގައި ޕެރަލިމްޕިކް ކޮމެޓީއާއި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނާއި ސުކޫލްތަކުގެ ޓީޗަރުންނަށްވެސް ވަނީ ނެޝަނަލް ޕެރަލިމްޕިކް ކޮމިޓީއާއި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް ބާއްވާފައެވެ.

ކުޅުދުއްފުށީގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ދެނެގަނެ އެކުދިންނަށް ބޭނުންވާ ތަޢުލީމާއި ފަރުވާގެ ކަންކަން ފަހިކޮށްދިނުމަށްޓަކައި ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުޅުދުއްފުށީގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން މިހާރު ކުރިޔަށް ގެންދާކަމަށް ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރ އަލީ އަހުމަދު ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސްޕީޗު ތެރަޕީގެ ޚިދުމަށް 2020 ވަނަ އަހަރުގެ މާޗްމަހު ތެރޭގައި ފަށާފައިވާ ކަމަށާއި މިވަގުތު 150އެއްހާ ކުދިން ޓުރީޓްމެންޓް ނަގަމުން ދާ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އަދި ބިހޭވިޔަރަލް ތެރަޕީގެ ޚިދުމަށް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށްވެސް ޑެޕިއުޓީ މޭޔަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން އެރަށުގެ 3 ސްކޫލްގައިވެސް ސެން ކްލާސްތައް ހިންގަމުން އަންނަ ކަމަށާއި އަފީފުއްދީން ސްކޫލުގައި އިންކުލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓެއް މިދިޔައަހަރު ގާއިމް ކުރެވި ބޭނުން ކުރަން ފަށާފައިވާ ކަމަށްވެސް އަލީ އަހުމަދު ވިދާޅުވިއެވެ.