ސިޔާސީ

އިނގިރޭސި ޤާނޫނުހަދާ މަޖިލީހުގެ މެންބަރަށް ދިން ޙަމަލާ ރައީސް ކުށްވެރިކުރައްވައިފި


އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި "އޯލް ޕާޓީ ބްރިޓިޝް މޯލްޑިވްސް ޕާލިމެންޓްރީ ގްރޫޕް" (އޭޕީޕީޖީ)ގެ ޗެއަރމަން ޑޭވިޑް އެމެސްއަށް ދިން ނުރައްކާތެރި ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުށްވެރިކުރައްވައިފިއެވެ.

މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓުގައި ޑޭވިޑް އެމެސްއަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އެކި ދާއިރާއިން ގުޅުން ބަދަހިކުރުމުގައި މުހިއްމު ދައުރެއް އަދާކުރައްވާ ބޭފުޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޑެވިޑް އެމެސްއަށް ދިން މި ނުރައްކާތެރި ހަމަލާގެ ސަބަބުން ކުއްލި ސިހުމެއް ލިބިވަޑައިގެންނެވިކަމަށާއި، އޭނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑޭވިޑް އެމެސްއަށް ޙަމަލާދީފައިވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ބައެއް އާއްމުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. މަންޒަރު ދުށް މީހުންނާއި ޙަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާގޮތުގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ވަނީ ޙަމަލާދީފައެވެ. މި ޙަމަލާއާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާކަމަށްވެސް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އޯލް ޕާޓީ ބްރިޓިޝް މޯލްޑިވްސް ޕާލިމެންޓްރީ ގްރޫޕަކީ، ރާއްޖޭގެ ސިޔާސީ ކަންކަމާއި، ތިމާވެއްޓާއި، ތައުލީމާއި، އިޖުތިމާއީ މައްސަލަތައް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ސަމާލުކަމަށް ގެނައުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ. މި ގްރޫޕުގެ ޗެއަރމަން ޑޭވިޑް އެމެސް ވަނީ މީގެ ކުރިން ވަނީ ރާއްޖެއަށްވެސް ވަޑައިގެންފައެވެ. އޭނާ ގެންދަވަނީ ރާއްޖެއާއި ގުޅުންހުރި އެކި ކަންކަމުގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި އަޑުއުފުއްލަވަމުންނެވެ.