ރިޕޯޓް

ކަންބޮޑުވުންތަކާ އެކުވެސް ގާދޫ މީހުން ތިބީ ފޮނަދޫއަށް ބަދަލުވާން


ލ.ގާދުއަކީ އެ އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ އެއް ރަށެވެ. ބިން ބޮޑު ނަމަވެސް، އާބާދީ ކުޑަ ވުމުގެ ސަބަބުން އެ ރަށަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. 2014 ބޯހިމެނުން ދައްކާގޮތުން ގާދޫގައި ދިރިއުޅެނީ 172 މީހުންނެވެ. ރަށު ސްކޫލްގައި ގްރޭޑް ހަތަކަށް ކިޔަވައިދިން ނަަމަވެސް ތިބީ 22 ދަރިވަރުންނެވެ. ރަށުގައި ބަނދަރެއް ހަދާފައި ނެތުމުން، ލަފާ ފުުރުމުގައި ދަތިކަން ކުރިމަތިވެފައިވެއެވެ. ޚާއްސަކޮށް ގާދޫ ފަޅަކީ ތިލަ ފަޅަކަށް ވުމުން ހިކި ދިޔައިގައި ލަފާ ފުރުމަކީ ދަތި ކަމެކެވެ. މިދަތި ތަކާއެކުވެސް ބިން ބޮޑު މިރަށުގައި ރަނގަޅު ކަންތައްތަކެއްވެސް ހުރިކަން ފާހަގަކޮށްލެވެއެވެ. ގާދޫއަކީ 72 ހެކްޓަރުގެ ރަށެކެވެ. އިޤްތިޞާދީ މަސައްކަތްތައް ފުޅާ ކުރެވޭ ވަރަށް ބިންވެސް އެބައޮތެވެ.ގާދޫ އަންހެނުން އާމްދަނީ ހޯދުމަށް ކުރާ އެންމެ އާންމު މަސައްކަތަކީ ދަނޑުވެރިކަމާއި، ފަންގި ވިނުމާއި، ކާށީގެ ވިޔަފާރިއެވެ. މި މަސައްކަތްތަކުން މަހެއްގެ މައްޗަށް 5000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ބައެއް އަންހެނުން ހޯދައެވެ. ރަށުގައި އިޤްތިޞާދީ މަސައްކަތްތައް ކުރަމުން ދިޔައަސް އާބާދީ ކުޑަވުމާއެކު ގާދުއަަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނައެވެ. ޚާއްސަކޮށް ރަށުގައި ތަޢުލީމީ ފެންވަރު ދަށްވުމަކީ ރަށުން ފައިބައިގެން މީހުން ދިއުމުގެ އެއް އަސްލެވެ. ސުނާމީ ކަރިސާގެ ފަހުން ބަދަލުވާން ލިބުނު ފުރުސަތުގައި ގާދޫގެ 15 ވަރަކަށް އާއިލާ  މިހާރުވެސް ތިބީ ފޮނަދޫއަށް ބަދަލުވެފައެވެ.  މާލޭގައި ދިރިއުޅޭ ގާދޫގެ ގިނަ މީހުންނަކީވެސް ދަރިންނަށް ކިޔަވައިދިނުމަށް ބަދަލުވެފައިވާ ބައެއްކަމަށް ގާދޫ ކައުންސިލުން ވިދާޅުވިއެވެ.ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރެއްވުމަށް ނިންމެވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ގާދޫ ރައްޔިތުން ބަދަލުކުރެއްވުމަށް ހައުސިން މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. " ގަދޫގެ އާއިލާތައް ބަދަލުވުމާއި ގުޅޭގޮތުން ކައުންސިލާއި ހިއްސާކުރަންޖެހޭ ކަންކަން ނިމިފައިވަނީ. އަޅުގަނޑުމެންގެ ޓާގެޓަކީ ޖެނުއަރީ 13 ގައި ކިޔެވުން ފެށުމުގެ ކުރިން ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރެއްވުން. " ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. ގާދޫ މީހުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ  ފޮނަދޫގައި އަލަށް ހަދާފައިވާ 85 ގެއަަށެވެ.  ނަމަވެސް ގާދޫގައި ރަޖިސްޓްރީކޮށްފައިވާ ގެތަކުގެ އަދަދަށް ބަލާއިރު، 85 ގެއަކީ އެކަށީގެންވާ އަދަދަކަށް ނުވާތީ، ހައުސިން މިނިސްޓްރީން ގާދޫ ކައުންސިލާއި މަޝްވަރާ ކުރެއްވުމަށްފަހު އެކަމަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ގާދޫ ކައުންސިލްގެ ރައީސް، އަބްދުލް އަޒީޒް ވިދާޅުވިއެވެ. " މި ރަށުގައި އެބައޮތް 119 ގޯތި. އެއީ ރަޖިސްޓްރީކޮށްފައި ހުރި ގެތަކުގެ އަދަދު. އަދި ޝަރުއީ މަރުހަލާގައި ހުރި ގެތަކާއި ގުޅޭ ބައެއްް މައްސަލަތައް ނިމުމުން ގޯތީގެ އަދަދު އިތުރުވުން އެކަށީގެންވޭ. އެހެންވީމާ 85 ގެއަކީ އެކަށީގެންވާ އަދަދެއް ނޫން. ނަމަވެސް ހައުސިން މިނިސްޓްރީން އޮތީ ވިދާޅުވެފައި، ބާކީ ހުރި ގެތަކުގެ ބަދަލުގައި ހަތަރު ލައްކަ ރުފިޔާގެ އިނާޔަތަކާއެކު، ފޮނަދޫއިން ބިން ދޫކުރައްވާނެ ކަމަށް. އަދި ދާއިމީ ގެތައް ހެދެންދެން ފޮނަދޫގެ ގެތަކުގައި ކުއްޔަށް އުޅެން ޖެހޭ ފަރާތްތަކަށްވެސް އިނާޔަތެއް ދޭގޮތަށް ވިދާޅުވެފައި އޮތީ. ވީމާ ގެތައް ހަމަ ނުވުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރަނީ.  " އަބްދުލް އަޒީޒް ވިދާޅުވިއެވެ. ފޮނަދޫއަށް ބަދަލުވުމާއި ގުޅޭގޮތުން ގާދޫ ރައްޔިތުންގެ ޚިޔާލު ހުރީ ދެގޮތަކަށެވެ.  އެއްބަޔަކު ތިބީ ތަރައްޤީއަށްޓަކައި، ބަދަލުވުމުގެ ރޫޙެއްގައެވެ. އަނެއްބަޔަކު  ދެކޭގޮތުގައި، ބަދަލުވުމަކީ ތާއީދުކުރާ ކަމެއް ނަމަވެސް ކަންބޮޑުވާ ކަންތައްތަކެއް އެބަހުއްޓެވެ. ބައެއް މީހުން އުފަން ރަށް ދޫކޮށް ދިއުމަށް ކަންބޮޑުވާއިރު، އެއްބަޔަކުތިބީ އަލުން ބަދަލުވާ ރަށުން ފުރިހަމަ ޚިދުމަތްތަކެއް ނުލިބިދާނެކަމަށް ވިސްނާ އެކަމުގެ ކަންބޮޑުވުމުގައެވެ.ގާދޫ މީހުން ބަދަލުވުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ފޮނަދޫގައި ހަދާ ގެތަކުގެ ނަރުދަމާ އާއި ކަރަންޓް މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. ލ އަތޮޅުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ ގޮފިތަކުން ކޮންމެ ގޮތްޕަކުން ދެ މީހުން ގެނެސްގެން ވީހާވެސް އަވަހަަކަށް އެ މަސައްކަތްތައް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ގާދޫ ކައުންސިލުން ވެސް މިކަމާއި ގުޅޭ އިދާރީ މުހިންމު މަސައްކަތްތަކެއްދަނީ ކުރަމުންދެއެވެ. އެގޮތުން ބަދަލުވުމާއި ގުޅޭގޮތުން ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި ލިބުނު ޝަކުވާތައް ބެލުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. ގެތަކުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޝަކުވާތައް ބެލުމަށްފަހު، މިނިސްޓްރީގެ ލަފާގެ މަތިން ކަމަށް ގާދޫ ކައުންސިލުން ވިދާޅުވެއެވެ. ފޮނަދޫ ކައުންސިލުން ބުނީ ގާދޫ ރައްޔިތުންނަށް މަރުޙަބާ ކިޔާ ކަމަށާއި، އެއްފަސްކުރުމަކީ ދެރަށުގެ ރައްޔިތުންނަށްވެސް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. " ގާދޫ އެކަންޏެއް ނޫން. ފޮނަދޫއަށް ބަދަލުވާ ކޮންމެ ބަޔަކަށްެވެސް މަރުޙަބާ ކިޔާ ގޮތަށް މިތިބީ. މިއީ ފޮނަދޫއަށް ލިބިގެންދާނެ ތަރައްްޤީއެއް. ގާދޫ ރައްޔިތުންނަށްވެސް ލިބިގެންދާނެ ތަރައްޤީއެއް." ފޮނަދު ކައުންސިލްގެ ރައީސް އަހުމަދު ރިޔާސް ވިދާޅުވިއެވެ.ދެން އޮތީ ބޮޑު މަންޒަރެވެ. ލ.އަތޮޅުގެ ވެރިކަން ކުރާ ރަށް ފޮނަދޫއާއި، ކައްދޫ އެއަރޕޯޓާއި، މަސް ފެކްޓްރީއެއް ހިންގަމުން އަންނަ މާންދޫ އަދި  ރާއްޖޭގެ އެންމެ ބިން ބޮޑު ރަށް ގަމާއި ގުޅުވާލެވިފައިވާ ރަށްތަކެކެވެ. މިއީ  ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ސަރަހައްދެވެ. ތަޢުލީމާއި، ޞިއްހަތާއި، ފެންވަރު ރަގަޅު ޚިދުމަތްތަކާއި، ވަޒީފާގެ ފުރުސަތު ތަކާއި އަދި ވިޔަފާރި އާއި އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތައް އިތުރު ތަނަކަށް ގާދޫ ފަދަ  ކުޑަ އާބާދީއެއް ބަދަލުވުމަކީ އެ ފަރާތްތަކަށް އޮތް ރަނުގެ ފުރުސަތުތަކެވެ. ލ.އަތޮޅު ބަހުންނަމަ "ތަރައްޤީ ޙާސިލް ވާނޫ، އަފުންވެސް ތަރައްޤީވެގެންނެވެ."