ޚަބަރު

ހިޔާ ފްލެޓްގެ 172 ފެން ބިލަކުން މައްސަލަ ފާހަގަވި: ޝާހު


ހިޔާ ފްލެޓްގެ 172 ފްލެޓެއްގެ ފެން ބިލު ބޮޑުވުމުގައި މައްސަލަ ފާހަކުރެވިފައިވާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ބިލުތަކުގައި ހުރި މައްސަލަ ފްލެޓްތަކުގެ ވެރިންގެ ސަމާލުކަމަށްގެނެސް، އެމައްސަލަ ޙައްލުކުރުމުގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން މިހާރު ވަނީ ފަށާފައިކަމަށެވެ.

ހިޔާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 1200 ފްލެޓް މިހާތަނަށް ވަނީ، މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއެސްސީގެ ޚިދުމަތަށް ރެޖިސްޓްރީކޮށްފައެވެ. ހިޔާ ހައުސިންގ ޔުނިޓްތަކުގެ ފެނުގެ ވިއުގައިގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނީ ފުރަތަމަ މަހުގެ ފެން ބިލްތަކުންނެވެ.

ހިޔާ ފެން ބިލްތައް ބޮޑުވި މައްސަލާއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ރައްޔިތުން ބޭނުންނުކުރާ ފެނަކަށް ބިލް ކުރުމަކީ ކުންފުނިން ކުރާނެކަމެއް ނޫންކަމަށެވެ. އަދި ފެނުގެ ވިއުގައިގައި މައްސަލަ އުޅޭކަން ފުރަތަމަ ފާހަގަކުރެވުނީވެސް އެމްޑަބްލިއުއެސްސީއަށްކަމަށާ، އެކަން މިހާރު ގޭގޭގެ ވެރިންގެ ސަމާލުކަމަށްގެނެސް މައްސަލަ ދިމާވަމުންދާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ 5000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ފެން ބިލް އަރާފައިވާ އެއްވެސް ފަރާތްތަކަށް މިހާތަނަށް ބިލް ފޮނުވާފައި ނުވާކަމަށެވެ.

" 172ފްލެޓްގެ ފެން ބިލްގައި، އާދަޔާއި ޚިލާފަށް ފެން ބޭނުންކޮށްފަވާކަމަށް ދައްކާފަވޭ. 5000އިން މަތިން އަގުއެރި ބިލްތައް ގޭގެއަށް ނުފޮނުވާ، މިދަނީ މައްސަލަ ބަލަމުން. 10ފްލެޓްގެ މީޓަރުން، ފްލެޓްގައި ލީކެއް އުޅޭކަން ފާހަގަކުރެވޭ. މީގެތެއިން 4ގެއެއްގެ މީހުންނަށް އަދިވެސް ރީޗްނުވެ. ރިޗްނުވާ ގެތަކުގެ ފެން ވޭލްތައް އަޅުގަނޑުމެންވާނީ މިހާރު ބަންދުކޮށްފަ." ޝަހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ 6 ލައްކަ ރުފިޔާގެ ފެން ބިލެއް އެމްޑަބްލިއުއެސްސީން ހިޔާ ފްލެޓަކަށް ފޮނުވިކަމަށް ބުނެ ދައުރުވަމުންދާ ވާހަކައަކީ ދޮގެއްކަމަށެވެ.

ޝާހު ވިދާޅުވީ ހިޔާ ފްލެޓަށް ފެނުގެ ޚިދުމަތް ދިނުމުގަ ބޮޑެތި ދަތިތައްހުރިކަމަށެވެ. އެގޮތުން އެންމެ އުނދަގޫކަމަކަށްވީ ބޭރުގެ ކުންފުންޏެއް މެދުވެރިކޮށް ފެނުގެ ވިއުގަ އެޅުމާއި، ފެން މީޓަރުތައް ހަރުކުރުންކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެމްޑަބްލިއެސްސީގެ މީޓަރުތަކާއި ވަރަށް ބޮޑަށް ތަފާތު މީޓަރުތަކެއްކަމަށް ޝާހު ވިދާޅުވިއެވެ.

"މިދަނީ އެޗްޑީސީއާ މަޝްވަރާކުރަމުން މިކަމުގެ ޙައްލު ހޯދޭނީ ކިހިނެތްތޯ. ރައްޔިތުންނަށްވެސް އަދި ޚިދުމަތް ދިނުމަށް ކުންފުންޏަށްވެސް އެންމެ ފަސޭހަވާނީ އެމްޑަބްލިއުއެސްސީގެ މީޓަރުތައް އެޅުވުމުން." ޝާހު ވިދާޅުވިއެވެ.

ހިޔާ ހައުސިން ޔުނިޓުގެ ޔޫޓިލިޓީ ޚިދުމަތުގެ ވިއުގަ އެޅީ ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވަނީ ފްލެޓްގެ ވޭލްވްތަކާއި އިސްކުރުތައް ރަނގަޅަށް ބާރުކޮށް، މީޓަރު އެނބުރޭތޯ އަމިއްލައަށް ބަލާ، ފެން ލީކެއް އުޅޭކަން ޔަޤީންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށްޓަކައި މީހުން ދިރިއުޅެން ނުފަށާ ފްލެޓްތަކުގެ ފެން މީޓަރުގެ ވޭލްވްތައްވެސް ބަންދުކޮށްފައި ބެހެއްޓުމަށް އެމް.ޑަބްލިޔު.އެސް.ސީން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވަނީ ފްލެޓްގައި ފެން ލީކެއް އުޅޭކަން ފާހަގަކުރެވޭނަމަ، އެކުންފުނީގެ ހޮޓްލައިން ނަމްބަރ 105 މެދުވެރިކޮށް އެކަން ހުށައެޅުމަށް އަންގަވާފައެވެ.