ދުނިޔޭގެ ވިޔަފާރި

ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސިޑްނީއަށް ދަތުރުކުރުމަށް ލުއިތަކެއް!


ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީންވުމަކާއި ނުލައި އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރުކުރެވޭ އިންތިޒާމް ހަމަޖެއްސެވުމަށް ނިންމައިފިއެވެ.

ސިޑްނީ ހިމެނޭ ނިއުސައުތު ވޭލްސް ސްޓޭޓްގެ ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވީ އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެ ސްޓޭޓްގެ ސިޓީތަކަށް ކަރަންޓީންވުމަކާއި ނުލައި ދަތުރުކުރެވޭނެކަމަށެވެ. ނަމަވެސް މިވަގުތު މި ލުއި ލިބޭނީ އެޤައުމުގެ ރައްޔިތުންނަށްކަމަށްވެސް ނިއުސައުތު ވޭލްސް ސްޓޭޓްގެ ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީންވުމަކާއި ނުލައި ނިއުސައުތު ވޭލްސް ސްޓޭޓްގެ ސިޓީތަކަށް ދަތުރުކުރެވޭ ގޮތަށް ލުއި ދިނުމަށް ނިންމާފައި މިވަނީ، އެ ސްޓޭޓްގެ 80 އިންސައްތައާ ގާތްކުރާ އަދަދެއްގެ މީހުން ވެކްސިން ފުރިހަމަކޮށްފައިވަނިކޮށެވެ.

ކޯވިޑާއި ގުޅިގެން އޮސްޓްރޭލިއާގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗުމަހުއެވެ. އޭގެފަހުން އެޤައުމަށް އެތެރެވުމަށް ހުއްދަ ދީފައިވަނީ އެޤައުމުގެ ރައްޔިތުންނާއި އެ ޤައުމުގައި ވަޒަންވެރިވެގެން އުޅޭ ރައްޔިތުން އެކަންޏެވެ. އަދި އެ ފަރާތްތަކުންވެސް 2 ހަފްތާގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހެއެވެ.