އެއީ ހިތްހެޔޮ އެކުވެރިއެކެވެ. ރަށުގެ އެންމެންނާވެސް ހީ ސަމާސާކޮށް އުޅުނު ގާތް މިތުރެކެވެ. ފެންނަ ކޮންމެ މީހަކަށް ގޮވާލައި ހީލައި ވާހަކަދައްކައި އުޅުނު ދަނގެތީގެ ފަޚުރުވެރި ރަށްވެއްސެކެވެ. ވިޔަފާރީގެ ރޮނގުން ރަށަށް ޚިދުމަތްކުރަމުން ދިޔަ ޚިދުމަތްތެރިއެވެ. ދަނގެއްޗަށް މުހިންމު އިސް ރައްޔިތެކެވެ. އެއީ އެރަށު މަޙުމޫދު އަބޫބަކުރެވެ. އަނިޔާވެރި ރަޙުމްކުޑަ ބައެއްގެ ލާއިންސާނީ ޙަމަލާގެ ޝިކާރައަކަށްވެ މަޙްމޫދު މިދުނިޔެއާ ވަކިވެދިޔަ ޚަބަރަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ސިހުމާއި ބިރުވެރިކަން ގެނުވި ޚަބަރެކެވެ. މަޙްމޫދުގެ ރަށް، ދަނގެއްޗަށް މިއީ ތަޙައްމަލު ނުކުރެވޭފަދަ ފުން ހިތާމައެކެވެ. އިންތިހާ ދަރަޖައިގެ ބިރުވެރިކަމެކެވެ.
ޢުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރު މަރާލައި ފަޅު ވަޅެއްގެ ތެރެއަށް އެއްލާލާފަ އޮއްވާ ފެނުނީ، އޭނާ ގެއްލިގެން ހޯދަމުންދަނިކޮށެވެ. ރޭއްސުރެ އޭނާގެ ޚަބަރެއް ނުވެގެން ހޯދަނިކޮށް ފެނުނީ މިއަދު މެންދުރު 02:45 ހާއިރުއެވެ.
މަޙުމޫދުގެ އެންމެ ފަހުން ފެނިފަވަނީ އޭނާ ރަށުގައި ހިންގާ ކެފޭ "މޮނަލާޒް"އިން ނުކުމެގެންދަނިކޮށް ރޭ 11 ޖަހާ އެހައިކަންހާއިރުއެވެ. މަޙްމޫދަކީ ކޭފޭ ހިންގުމުގެ އިތުރުން ގޭހާއި ކާޑުގެ ބާވަތްތައްވެސް ރަށަށް އެތެރެކޮށް ވިއްކުމުގެ މަސައްކަތްކުރާ ވިޔަފާރިވެރިއެކެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ ޑައިވިން ދެ ދޯނިވެސް މަޙްމޫދުގެ އަތުގައި އޮވެއެވެ. އެކި ގޮތްގޮތުން އޭނާގެ އެހީތެރިކަން އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ލިބެއެވެ. އިޖުތިމާޢީ ކަންކަމުގަވެސް ދީލަތިކަމާއެކު ރަށާއި ރައްޔިތުންނަށް އޭނާ އެހީތެރިވެއެވެ. އެއީ ރައްޔިތުން ލޯބިވާ ރައްޔިތުންގެ އެކުވެރިއެކެވެ.
ރަށުގެ ރައްޔިތުން މަޙުމޫދު ބަލައިގަންނަނީ ހިތްހެޔޮކަމާއި އޯގާތެރިކަމާއި ސަކަ މިޒާޖެއްގެ މީހެއްގެ ގޮތުގައެވެ.
ދަނގެތިން ވާހަކަދެއްކި މީހުން ބުނާގޮތުގައި މަހުމޫދޫގެ ވަކިވެދިއުމަކީ އެމީހުންނަށް ތަޙައްމަލުކުރަން ކެތްނުވާވަރުގެ ހިތާމައެކެވެ. މިއީ ދުވަކުވެސް އެރަށަށް ކުރިމަތި ނުވާވަރުގެ ބިރުވެރިކަމަކާއި ހިތާމައެކެވެ. އެންމެ ހަނދާނަށް އަންނަނީ މަޙުމޫދު ފެނުމުން އޭނާ ގޮވާލާގޮތާއި ސަމާސާކޮށްހަދާ މަޖާ ވަގުތުތަކުގެ ހަނދާނެވެ. މަޙުމޫދުގެ މަރާއެކު މުޅި ދަނގެތިވަނީ ފުން ހިތާމައެއްގައެވެ. ކުއްލި ސިހުމެއްގައެވެ. ރަށް އޮތީ ހަމަހިމޭންވެފައެވެ. ކޮންމެ ރައްޔިތެއްގެ ހިތުގައިވެސްވަނީ އެތައް ސުވާލެކެވެ.
މަޙުމޫދަކީ 5 ކުދިންގެ ބައްޕައެވެ. އޭނާގެ އަންހެން ކުއްޖަކާއި 4 ފިރިހެންކުދިން ދުނިޔޭގައި އެބަތިއްބެވެ. ކާފަކިޔާ ކުދިންވެސް ތިބެއެވެ. މަޙުމޫދުގެ ވަކިވެދިއުމާއެކު މުޅި ޢާއިލާވަނީ އަދި މާބޮޑު ހިތާމަޔަކާއި ހިތްދަތިކަމެއް ބަރުދާސްތުކުރަން ޖެހިފައެވެ.
ދަނގެތިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި މަޙްމޫދު ޢާއްމުކޮށް ފަތިސް ނަމަދަށްފަހު ނިކުމެ އުޅޭނީ ބަނދަރުމަތީގައާއި އޭނާގެ އެކިމަސައްކަތުގައެވެ. ގެއަށްދާނީ ހެނދުނު ސައިބޯށެވެ. މިއަދު އޭނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަނއ ރޭކާލާންފެށީ، އާދައިގެމަތިން ހެނދުނު ސައިބޯން ގެއަށް ނައުމުންނެވެ. ފޯނަށް އެތަށްފަހަރު ގުޅުމުންވެސް ޖަވާބެއް ނުދިނެވެ. އެއީ ހެނދުނު 9 ޖަހާ އެހައިކަންހާއިރެވެ.
މަޙުމޫދުގެ ޚަބަރެއް ވޭތޯ ޢާއިލާއިން މަސައްކަތްކޮށް، ނުވުމުން ރަށުކައުންސިލާ ފުލުހުންނަށް ޢާއިލާއިން އެންގީ ހެނދުނު 09:00 އެހައި އިރުއެވެ. އެއާއެކު ފުލުހުންނާއި ރަށުކައުންސިލާއި ރަށުގެ ގިނަ ރައްޔިތުން އޭނާ ހޯދަން ނުކުތެވެ. ޢާއްމު ތަންތަނާއި ގޭގެއާއި ރަށުގެ ގޮނޑުދޮށާއި ރަށުގެ ފަޅުތެރެވެސް ބަލާފަވެއެވެ. ނަމަވެސް މެންދުރާ ހަމައަށްވެސް މަޙްމޫދުގެ އެއްވެސް ހިލަމެއް ނުވެއެވެ.
މަޙުމޫދު ހޯދުމުގެ މަސައްކަތް ފުޅާކޮށް އިތުރު މީހުން ނެރެގެން ފެށިއެވެ. ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ރަށުގެ ރައްޔިތުންގެތެރެއިން ބަޔަކަށެވެ. އޮތީ މަރާލުމަށްފަހު ފަޅު ގެއްގެތެރޭގަ ހުރި ވަޅަކަށް އެއްލާފައެވެ. ވަޅުތެރެގައި އޮތްއިރު ބޯކޮޅު އޮތީ ފެނުގެ އަޑީގައެވެ. ފައިކޮޅު ފެން ފަށަލައިން މައްޗަށް ފެންނަން އޮތް އިރު އޮތީ، ބޮލަށާއި ފަޔަށް ގޯންޏެއް މަހައި ބަނދެފައެވެ.
މި އަނިޔާވެރި އަދި އިންތިހާ ދަރަޖައިގެ އިހާނެތި މަރާއެކު، އެކަން ކުރިބަޔަކާމެދު މުޅި ރަށުގައި އޮތީ ނަފްރަތާ ރުޅިވެރިކަމެކެވެ. ރަށުގެ ރައްޔިތުން ބުނާގޮތުގަ މަޙުމޫދުއަކީ އެއްވެސް މީހަކާ އެއްވެސްކަހަލަ މައްސަލައެއްޖެހި، މީހަކަށް ދަރަނިވެރިވެ އުޅޭ މީހެއް ނޫނެނެވެ. ހަމަޖެހޭ ދިރުއުޅެމެއް އުޅެމުންއައި މީހެކެވެ. އޭނާއަށް އެއްވެސް އަނިޔާއެއް ދޭނެ، އަދި އަނިޔާއެއް ލިބެން އެދޭނެ މީހަކުވެސް ދަނގެއްޗަކު ނުހުންނާނެކަމަށް ރައްޔިތުން ބުނެއެވެ. ރަށުގެ ރައްޔިތުން ޝައްކުކުރަނީ މިއީ ބަޔަކު ފައިސާ ބޭނުންވެގެން ކޮށްފަވާ "މުޑުދާރު" ޢަމަލެއްގެ ގޮތުގައެވެ.
ވިޔަފާރިކުރާ މީހަކަށްވާތީ މަޙުމޫދު، އޭނާގެ އަތުގައި އަބަދުވެސް ނަގުދު ފައިސާ ގެންގުޅެއެވެ. ރަށުގެ ރައްޔިތުން ޝައްކުކުރާ 3 މީހަކު، ރައްޔިތުންވަނީ އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފައެވެ. މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައްޔިތުންގެ އެދުމުގެމަތިން، ރައްޔިތުންނަށް ޝައްކުކުރެވޭ 3 މީހަކު ވަނީ ފުލުހުންގެ ބެލުމުގެދަށުގައެވެ.
ހުދު ފޮތިގަނޑެއް އޮޅާލައިގެން މަޙުމޫދުގެ ހަށިގަނޑު ވަޅުން ނެގީ ފުލުހުންނާއި ރައްޔިތުންގެ އެހީތެރިކަމާއެކުއެވެ. މަޙުމޫދުގެ ހަށިގަނޑު މިވަގުތުއޮތީ ދަނގެތީ ހިނަވާގޭގައެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުންގެ ފޮރެންސިކް ޓީމް އެރަށަށް ފޯރާފަވަނީ މިރޭ 08:30 ހާއިރުއެވެ. ރަށުން ވާހަކަދެއްކި މީހަކު ބުނީ، މަޙުމޫދު ނެގިއިރު ލޭގެ އަސަރު ވަރަށް ބޮޑަށް ފެންނަން ހުރިކަމަށެވެ. އަދި ޙަމަލާދިންކަމަށް ބެލެވޭ ސާމާނުކަމަށް ޝާއްކުކުރެވޭ ތަކެތި ފަޅު ގޯތިތެރޭގައި ހުރިކަމަށެވެ. ފުލުހުންދަނީ މި މަސައްލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންނެވެ.
ޭއާދަނުބެ
ތި ކަހަލަ ގާތިލުންނަށް ހައްގު އަދަބު ނުދެވި ދޫވެ ދުވަހެތް ދުވަހަކަށް މާރާމަރީ ހިނގާ މީހުން މެރުން އާންމުވަނީ މި ގައުމުގަ އަމާންކަމެތްނެތް އަބަދު ބޮޑު ބިރުވެރި ކަމެތްގަ ތިބެން މިޖެހެނީ