ރިޕޯޓް

އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން ފްލައިން ސްކޫލެއް ހިންގަނީ


އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ފްލައިން ސްކޫލެއް ހިންގުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި ފްލައިން ސްކޫލް ހިންގުމަށް ނިންމާފައިވަނީ އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ. ރާއްޖޭގައި ފްލައިންގ ސްކޫލް ހިންގުމަށް ބޭނުންވާ ޖޮއިންޓް ވެންޗަރ ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.

އޭވިއޭޝަން ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަކޮށްގެން އުފައްދާ މި ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ ޗެކްރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. އެ އެކަޑަމީއާއި ސްކޫލް ހިންގަން ޙަވާލުކުރަން ނިންމާފައިވަނީ އޯޕަން ޓެންޑަރިންނަށް ހުޅުވާލުމުން ލިބުނު ޕްރޮޕޯސަލްތަކަށް ބަލާ، މަސައްކަތުގެ ކޮލެޓީއާއި ތަޖުރިބާއަށް ބެލުމަށްފަހުއެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދު ވިދާޅުވީ، ޗެކްރިޕަބްލިކްގެ ފްލައިން އެކަޑަމީއަކީ އޭވިއޭޝަން ދާއިރާއިން މީހުން ތަމްރީންކުރުމުގައި 30 އަހަރުވެފައިވާ، ތަޖުރިބާހުރި އެކަޑަމީއެއްކަމަށެވެ. އަދި މި އެކަޑަމީން މިހާރުވެސް ދިވެހި ދަރިވަރުން ތަމްރީންކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާދު ވިދާޅުވީ، އަމާޒަކީ އަލަށް މި އުފައްދާ ފްލައިން ސްކޫލުން ހަމައެކަނި ޕައިލެޓުން ތަމްރީންކުރުމުގެ ބަދަލުގައި އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ތަފާތު ހުނަރުގެ ދިވެހިން ތައްޔާރުކޮށް މަސައްކަތުގެ މާހައުލަށް ނެރުންކަމަށެވެ.

މިހާދު ވިދާޅުވީ، އަލަށް އުފައްދާ ފްލައިން ސްކޫލުގެ ކިޔެވުން މިއަހަރު ނިމެންވާއިރަށް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ފުރަތަމަ ބެޗުގައިވެސް ގާތްގަނޑަކަށް 30 ކުދިން އެންރޯލްކުރެވޭނެކަން ފާހަގަކުރައްވާ މިހާދު ވިދާޅުވީ، ފްލައިން ސްކޫލުގެ ކިޔެވުން ފަށާއިރު އެންމެ ފުރަތަމަ އިސްކަމެއްދޭނީ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލުން ތަފާތު ސަބަބުތަކާހެދި ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށްކަމަށާއި، އެ ދަރިވަރުންގެ ކޯސް ފީގެ އަގުތަކަށްވެސް ދެވެންހުރި ލުއިތައް ދެމުންދާނެކަމަށެވެ.

"އަހަރެއްގެ ތެރޭގައި މަދުވެގެން 80 ވަކަރަށް ކުދިން ފުރަތަމަ އަހަރު ސްކޫލުގައި ކިޔެވުން ގެންދެވޭނެގޮތަށް އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި. އަޅުގަނޑުމެން އެންމެ ފުރަތަމަ އިސްކަމެއްދޭނީވެސް މިހާރު ފްލައިންގ ޓްރެއިނިންގ ހަދަމުންގޮސް ނުނިމި ހުރި ކުދިންނަށް. އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ނުނިމިހުރި ކުދިން މިއަންނަ އަހަރު ނިމުމުގެ ކުރިން އެކުންދިންގެ ޕްރޮގްރާމް އެއްކޮށް ނިންމާލުން" މިހާދު ވިދާޅުވިއެވެ.

އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ، އޭވިއޭޝަން ދާއިރާއިން ދިވެހިން ބިނާކުރުމަކީ އެ ޔުނިވަރސިޓީގެ އަބަދުވެސް އަމާޒެއްކަމަށެވެ. އަދި އައިލެންޑް އޭވިއޭޝަނާއި ގުޅިގެން އުފައްދާ މި ޖޮއިންޓް ވެންޗަރ ކުންފުންޏަކީ ޔުނިވަރސިޓީގެ 48 އަހަރުވީ ދިގު ތާރީޚުގައި އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ. އޭވިއޭޝަން ދާއިރާއިން ތަމްރީންވުމަށް ރާއްޖޭގައި ހުރި ފުރުޞަތުތައް ނިސްބަތުން މަދުކަން ފާހަގަކުރައްވާ، ޑރ. ޝަރީފް ވިދާޅުވީ އެމް.އެން.ޔޫއިން އެކަން ބަދަލުކުރާނެކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން ފްލައިން ސްކޫލެއް ޤާއިމުވެގެންދިޔަޔަސްވެސް މީގެ އިތުރަށް އޭވިއޭޝަން ދާއިރާގައި ހުރި އެހެން ހުރިހާކަމެއްގެ ތެރެއަށްވެސް އަޅުގަނޑުމެން މަޑުމަޑުން ވަންނަން މަސައްކަތްކުރާނެ ވާހަކަދަންނަވަން. އޭގެ ތެރޭގައި އިންޖިނިއަރިންނާއި، ލޭންޑް ސައިޓުގައި ކުރާ އެތައް މަސައްކަތްތަކަށް މީހުން އުފެއްދުމުގެ މަސައްކަތް އަޅުގަނޑުމެން މި ވެންޗަރގެ ތެރެއިން ކުރިއަށްދާނެ" ޑރ. ޝަރީފް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނާއި، އެމް.އެން.ޔޫ ގުޅިގެން އުފައްދާ ފްލައިން ސްކޫލް މެދުވެރިކޮށް، ރާއްޖޭގެ އިތުރުން، އެހެން ޤައުމުތަކުގެ ދަރިވަރުންނަށްވެސް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވެއެވެ. އަދި މި ސްކޫލު ކާމިޔާބު ކަމާއެކު ހިންގުމުގައި، ހުރިހާ ބައިވެރިންގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން އެކުންފުންޏަށް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.