ކުޅިވަރު

ފައިނަލްގެ ޖާގަ ނުލިބުނީ ރެފްރީގެ ސަބަބުން: އޮސްކާ


ބަންގްލަދޭޝަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ނުލިބުނީ ރެފްރީންގެ ސަބަބުންކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބުރޫޒޯން ބުނެފިއެވެ.

ލީގު ބުރުގެ ފަހު މެޗުގައި ނޭޕާލް އަތުން މޮޅު ނުވެވި ބަންގްލަދޭޝްވަނީ މުބާރާތުން ކަޓާފައެވެ. މެޗަށްފަހު ކޯޗު އޮސްކާ ބުރުޒޯން ބުނީ މެޗުގެ އެންމެ ފަހު ވަގުތުތަކުގައި ރެފްރީ ނިންމި ނިންމުންތަކުން، މަންޒަރު ވަރަށް ސާފުކަމަށެވެ. އޮސްކާ ބުނީ މި މުބާރާތުގެ ފައިނަލަށް ބަންގްލަދޭޝް ދާން ރެފްރީ ބޭނުން ނުވީކަމަށާއި، ފަހު ވަގުތު ނޭޕާލަށް ދިން ޕެނަލްޓީއަކީވެސް އިންސާފުން ދިން ޕެނަލްޓީއެއް ނޫންކަމަށެވެ. އޮސްކާ ބުނީ ހުރިހާ ކުޅުންތެރިންވެސް ބުރަކޮށް މަސައްކަތްކުރިކަމަށާއި، މިމެޗުގެ ގިނަ ކަންކަން ދިޔައީ ބޭނުންވި ގޮތަށްކަމަށެވެ. މެޗުގެ ކުރީކޮޅު ގޯލެއް ޖެހުމަކީ ޓީމުން ތައްޔާރުވި ގޮތްކަމަށާއި، މެޗުން ބަންގްލަދޭޝް ބަލިކޮށްލީ މެޗުގެ ރެފްރީކަމަށެވެ.

"މެޗުން އަހަރުމެން ބަލިކޮށްލީ ރެފްރީ. ހުރިހާ ކަމެއް ދިޔައީ އަހަރުމެން ބޭނުންވި ގޮތަށް. ގޯލެއްވެސް ޖެހުނު. އެކަމަކު ފަހު ވަގުތު ރެފްރީ ދިން ޕެނަލްޓީއާއިއެކު އެންމެން ހައިރާން ވެއްޖެ. އަހަރުމެން ބަލިވީ ހަމަ ރެފްރީގެ ސަބަބުން." އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މެޗުން ބަލިވީ ފައިނަލުގެ ޖާގަ ހައްގު ޓީމްކަމަށާއި، ނޭޕާލުން ދެއްކީ ފައިނަލުން ފުރުސަތު ލިބެންޖެހޭވަރުގެ ހައްގު ކުޅުމެއް ނޫންކަމަށެވެ. ބަންގްލަދޭޝް ޓީމާއެކު އޭނާގެ އަމާޒަށް ވާސިލް ނުވެވުމުން މާޔޫސްވެއްޖެކަމަށާއި، އެހެންނަމަވެސް ކުޅުންތެރިންނާއި ސަޕޯޓަރުން ދެއްކި ހިތްވަރަށް ސާބަސް ދޭކަމަށް އޭނާ ބުންޏެވެ. އޮސްކާ ބުނީ ބަންގްލަދޭޝް ޤައުމީ ޓީމާއެކު ކުރިއަށް އޮތްތާނގައި މަސައްކަތްކުރުމާމެދު އަދި އެއްވެސް ވަރަކަށް ނުވިސްނާކަމަށެވެ.