ކުޅިވަރު

ޒުވާން ކުޅުންެތެރިންނަށް ބޭނުންވަނީ ފުރުސަތުތަކެއް - ކޯޗް


ގައުމީ ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަށް ބޭނުންވަނީ ފުރުސަތުތަކެއްކަމަށާއި، ފުރުސަތުދެވިއްޖެނަމަ އެކުޅުންތެރިންނަކީ މުސްތަގްބަލް އުޖާލާ ކުޅުންތެރިންތަކެއްކަމަށް  ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހަރބާޓް ބުނެފިއެވެ. ޕީއެސްއެމްއާއި ވާހަކަދައްކަމުން ހާރބާޓްބުނީ މިފަހަރު ޓީމުގައި އަލަށް ސްކޮޑަށް އެރި ކުޅުންތެރިން ހިމެނޭކަމަށާއި، ގައުމީ ޓީމާއިއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަކީ އެ ކުޅުންތެރިންނަށް މުޅިން އާ ކަމެއްކަމަށެވެ. ތަމްރީންތަކުގައި ޒުވާން ކުޅުންތެރިން ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން ސާފް ސުޒުކީ ކަޕްގެ ފައިނަލް ސްކޮޑް ނަގަން އޭނާއަށް އުނދަގޫވާނެކަމަށްވެސް ކޯޗް ހާރބާޓް ބުންޏެވެ. ގައުމީ ސްކޮޑަށް މިފަހަރު ނެގި ދެ ކުޅުންތެރިއަކު މާލޭގައި ކުރިއަށްގެންދިޔަ ޕްރެކްޓިސްތަކުގައި ބައިވެރިނުވުމުގެ ސަބަބުންނާއި، އަނިޔާގެ ސަބަބުން މުހައްމަދު އިރުފާން ސްކޮޑުން ބާކީ ކުރަން ޖެހުމުގެ ސަބަބުން ކޯޗްވަނީ ޒުވާން ދެ ކުޅުންތެރިއަކަށް ޓްރެއިނިންގ ކޭމްޕްގައި ފުރުސަތު ދީފައެވެ. އެއީ ޓީސީގެ ޒުވާން ފޯވާޑް އިބްރާހިމް ވަހީދު އަދި ނިއުރޭޑިއަންޓްގެ އާދަމް އިޝާމެވެ. ކޯޗް ހާރބާޓް ބުނީ މި ދެކުޅުންތެރިންނަކީވެސް މުސްތަގްބަލް ރަނގަޅު ދެ ކުޅުންތެރިންކަމަށާއި، ފަހުން ޓީމާއި ގުޅުނު ކަމުގައިވިޔަސް އެ ކުޅުންތެރިންގެ ފަރާތުން ހިތްހަަމަ ޖެހޭ ފެންވަރުގެ ކުޅުމެއް ފެންނަމުން އަންނަކަމަށެވެ. ފައިނަލް ސްކޮޑުން ޖާގަ ޔަގީން ކުރަން ހުރިހާ ކުޅުންތެރިންވެސް އަޒުމާއިއެކު މަސައްކަތް ކުރަމުންދާކަމަށާއި، އޭނާ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ފެންނަން ބޭނުމީ މި މަންޒަރުކަމަށް ކޯޗް ބުންޏެވެ."ފުރުސަތުތަކެއް، ތަޖުރިބާތަކެއް މި ކުޅުންތެރިންނަށް ބޭނުންވަނީ، އެ ފުރުސަތުތައް ދެވޭތޯ އަހަރެން މިބަލަނީ، ޕްރެކްޓިސްތަކުގައި އެކުޅުންތެރިން އަންނަނީ އަހަރެއް ހިތްހަމަ ޖެހޭ ކުޅުމެއް ދައްކަމުން، ސާފް ސުޒުކީ ކަޕްގެ ފައިނަލް ސްކޮޑް ނަގަން އުނދަގޫތަކެއް ކުރިމަތިވާނެކަން ޔަގީން" ނިއުޒީލަންޑަށް އުފަން ކޯޗް ބުންޏެވެ.ގައުމީ ސްކޮޑް މިފަހަރު ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު، ކޯޗްވަނީ އަންނަ އަހަރު އޮތް ސާފް ގޭމްސްއަށް ތައްޔާރުވާން މި ކޭމްޕްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޒުވާން ކުޅުންތެރިންނަށް ގޮވާލާފައެވެ.