ދުނިޔޭގެ ވިޔަފާރި

ޑެލްޓާ ވޭރިއަންޓާއެކު އެމެރިކާގެ ވާޒީފާގެ ބާޒާރު މަޑުޖެހިފައި


މިދިޔަ ސެޕްޓެމްބަރުމަހު އެމެރިކާގެ ވާޒީފާގެ ބާޒާރަށް އިތުރު 194000 ވަޒީފާ އިތުރުވެފައިވާ ކަމަށް، ޔޫއެސް ބިއުރޯ އޮފް ލޭބަރ ސްޓޭޓިސްޓިކް، ބީއެލްއެސްއިން ބުނެފިއެވެ.

އެމެރިކާގައި ވަޒީފާތަށް އިތުރުވާ އަދަދުވަނީ ކޯވިޑްގެ ޑެލްޓާ ވޭރިއަންޓާއި ހެދި ދަށަށް ގޮސްފައެވެ. އެހެން ނަމަވެސް ސެޕްޓަމްބަރުމަހު އިތުރުވި ވަޒީފާތަކާއެކު އެމެރިކާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ 4.5 އިންސައްތައަށް ދަށްވެފައެވެ. އޮގަސްޓުމަހު ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ 5.2 އިންސައްތައިގައެވެ.

ވަޒީފާތައް އިތުރުވެފައިވާ ދާއިރާތަކަށް ބަލާއިރު، ޙިދުމަތް ދިނުމުގެ ދާއިރާތަކާއި، މުދާ ވިއްކާ ތަންތަނުން ހުޅުވާލި ވަޒީފާގެ ފުރުސަތުތަކާއި ދަތުރުފަތުރުގެ ދާއިރާއިން ސެޕްޓެމްބަރުމަހު ވަނީ ވަޒީފާގެ ފުރުސަތުތައް އިތުރުވެފައެވެ.
ވަޒީފާގެ ފުރުސަތުތައް އިތުރުވަމުން ދިޔަ ނަމަވެސް އެމެރިކާގައި އަދިވެސް ވަޒީފާ ނެތް މީހުންގެ އަދަދު 7.7 މިލިއަންގައި އުޅޭއިރު، މި އަދަދަކީ ޕެންޑަމިކްގެ ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރު އަދަދެކެެވެ.

އެމެރިކާގައި ކޯވިޑްގެ ޑެލްޓާ ވޭރިއަންޓު ފެތުރެމުންދިޔުމާއި ގުޅިގެން ވަޒީފާގެ މާހައުލަށް ވަނީ އޭގެ އަސަރުކޮށްފައެވެ. އިޤްތިސާދީ މާހިރުން މީގެކުރިން ލަފާކޮށްފައިވަނީ އެމެރިކާގެ ވަޒީފާގެ ބާޒާރަށް ސެޕްޓެމްބަރުމަހު ގާތްގަނޑަކަށް 500000 ވަޒީފާ އިތުރުވެގެންދާނެ ކަމަށެވެ.

ޑެލްޓާ ވޭރިއެންޓު ފެތުރެމުންދާތީ، ރެސްޓޯރެންޓުތަކަށް ކާން ދާ މީހުންގެ އަދަދު މަދުވެ، ދަތުރުފަތުރު ކުރުންވެސް ވަނީ މަޑުޖެހިފައެވެ. މިއާއެކު އިޤްތިސާދީ ހަރަކާތްތައް ވަނީ މަޑުޖެހިފައެވެ.