ޚަބަރު

އެމްޓީސީސީގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާޙުކޮށްފި


މިއަހަރުގެ ދުނިޔޭގެ ކަސްޓަމަރ ސަރވިސް ހަފުތާއާއި ގުޅުވައިގެން އެމް.ޓީ.ސީ.ސީން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާޙު ކޮށްފިއެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި ކެމްޕެއިންގެ އެންމެ ބޮޑު މަޤުޞަދަކީ ކުންފުނީގެ މުއައްޒަފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިއްމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި، ކުންފުނިން ޚިދުމަތް ލިިބިގަންނަ އެންމެހާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއަންސް މިހާރަށްވުރެ ރަނގަޅު ކުރުންކަމަށެވެ. އަދި އެކުންފުނީގެ އުންމީދަކީ "ހިނިތުންވުމާއެކު" ކެމްޕެއިންގެ ސަބަބުން އެމް.ޓީ.ސީ.ސީއާއި ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރުބޮޑުވެގެން ދިއުންކަމަށެވެ.

މި ކެމްޕޭން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ އެމް.ޓީ.ސީ.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެކުންފުންޏަކީ ރާއްޖޭގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާގޮތުން ޚިދުމަތްދެމުންދާ ކުންފުންޏެއްކަމަށާއި، ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ޚިދުމަތެއް ދިނުމަށް ކުންފުނީގެ ކޮންމެ މުއައްޒަފަކުވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ. މިކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށް މުހިންމުކަމަށާއި، ހުރިހާ މުވައްޒަފުންގެ އެއްބާރުލުން މިކެމްޕެއިނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ހިނިތުންވުމާއެކު" ކެމްޕެއިންގެ ތެރެއިން މިމަހުގެ 10 އިން 28އާއި ހަމައަށް ބަހާލައިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އެތައް ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.