ރައްޔިތުންގެ މަޖިލީހުގައި ޖިންސީ ފުރައްސާރަ ކުރިކަމަށް ދެކެވޭ ވާހަކަތައް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ދޮގުކުރައްވައިފިއެވެ.
މެމްބަރު ނާޒިލްއާމެދު ކުރެވޭ ތުހުމަތުތައް އޭނާ ދޮގުކުރައްވާފައި މިވަނީ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.
ނާޒިލް ވިދާޅުވީ މަޖިލީހުގައި އެފަދަ އެއްވެސް ކަމެއް އޭނާގެ ފަރާތުން ކޮށްފައި ނުވާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، އޭނާގެ ދާއިރާގެ ރައްޔިތުންނަށް ދެއްވާކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި އިއްޒަތްތެރި މަޖިލީހުގަ މި ތިބި މެންބަރުންގެ ތެރޭގައި އެންމެ ފިރިހެނަކަށްވެސް ފެނިފަ ނޯންނާނެކަން. އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ޚާއްޞަކޮށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނަށް އަރުވަން." އިބްރާހީމް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވަނީ މެންބަރު އަސްލަމް އައްޑޫގައި ދިރިއުޅުއްވި ގޭގައި އަލިފާން ރޯކޮށްލަން އޭނާ މަސައްކަތްކުރިކަމަށް ބުނެ ދެއްކި ވާހަކަތައްވެސް ދޮގުކޮށްފައެވެ. އޭނާ ވިދާޅުވީ ދުވަހަކުވެސް މީހެއްގެ މުދަލަށާއި ޖިސްމަށް އަނިޔާދީ މީހުން މެރުމަށް ހިތްވަރުދީ އެފަދަ ކަންކަމުގައި ދުވަހަކުވެސް އުޅެފައި ނުވާނެކަމަށެވެ.
ނާޒިލް މިހެން ވިދާޅުވެފައިވާއިރު، މެންބަރު އަސްލަމްގެ އަނބިކަނބަލުން ދިރިއުޅުއްވާ ގޭގައި އަލިފާން ރޯކޮށްލަން މަސައްކަތް ކޮށްފައި ވަނީ ނާޒިލްކަމަށް ބުނެ ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.
މަޖިލީހުގައި ނާޒިލް ޖިންސީ ފުރައްސާރަކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ބެހޭ ކޮމެޓީއަށް ހުށަހެޅީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއެވެ.