ސިޔާސީ

ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެވަޑައިގެންފި


ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯރޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް އީސާލާ ރޫވަން ވީރަކޫން ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ސްރިލަންކާއަށް ނިސްބަތްވެވަޑައިގަންނަވާ އީސާލާ ދެކުނު އޭޝިއާ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުފައްދާފައިވާ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި ޙަވާލުވެވަޑައިގެންފައިވަނީ 1 މާރިޗު 2020 ގައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅަކީ އެމަނިކުފާނު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު ސާކްގެ މެންބަރު ޤައުމުތަކަށް ތަޢާރަފުވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދާއި، އެމްބެސެޑަރ އެޓް ލާޖް އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރިން ކުރައްވާފައިވާ އަޙްމަދު ސަލީމާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، ސާކް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިހާއިވެސް ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ކްރިޝާންތީ ވީރަކޫނާއި، ސާކްގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއަރޒް ޑިވިޝަން ސެކްރެޓްރިއޭޓް އިސްމާޢިލް މަމްދޫޙް ބައިވެރިވެވަޑައިގަންނަވައެވެ.

ދެކުނު އޭޝިއާ ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކޮށް، އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ސާކް އުފައްދާފައިވަނީ 1985ވަނަ އަހަރުގެ ތެރޭގައެވެ.