ޚަބަރު

ކޯވިޑަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ


ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިއަދު ހެނދުނު 10.57 ހާއިރު ނިޔާވެފައިވަނީ އުމުރުން 72 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޯވިޑް ބަލީގައި އިއްޔެ އައްޑޫ ސިޓީގެ ކޯވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކުވެސް ވަނީ ނިޔާވެފައެވެ.

އައްޑޫއިން މިބަލީގައި އިއްޔެ ނިޔާވީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ އައްޑޫ ސިޓީގައި މިބަލިޖެހިން ނިޔާވި 4 ވަނަ މީހާއެވެ.

މިއަދު ނިޔާވި މީހާއާއެކު ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 234 ވަނަ މީހުންވަނީ ނިޔާވެފައެވެ.

ކޯވިޑް ބަލީގައި މިމަހުގެ 4 ވަނަ ދުވަހުވެސް ރާއްޖެއިން މީހަކު ވަނީ ނިޔާވެފައެވެ. ކޯވިޑްގެ ނުރައްކާ ރާއްޖޭގައި ކުޑަވަމުން އަންނައިރު ބަލީގައި ބޮޑުވަރުވާ މީހުންގެ ޢަދަދުވެސް އަންނަނީ ދަށްވަމުންނެވެ. އެގޮތުން އެންމެފަހުން އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 15 މީހަކަށެވެ.

ބަލީގައި ބޮޑުވަރުވާ މީހުންގެ ޢަދަދު ދަށަށް ދަނީ ވެކްސިންގެ ސަބަބުންކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. އަދި މިކަމުގެ އިތުރު ދިރާސާތައް ކުރަންޖެހޭކަންވެސް އެއިދާރާއިން ފާހަގަކުރައްވައެވެ.