ޚަބަރު

ހިމާޔަތް ކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަނިޔާކުރާ މީހުންނާއިމެދު ފިޔަވަޅު އަޅަނީ


ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތައް ޖޫރިމަނާ ކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އެއިދާރާއިން ބުނެފައިވަނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އަދި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތައް ކަމުގައެވެ.

ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، މިކަމަކީ ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއްކަމަށެވެ. އެގޮތުން، ފުޓްބޯޅަ ދަނޑުތަކުގަޔާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ ލިބެމުންދާތީ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް އެއިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.

ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ތިމާވެއްޓަށް ގެއްލުން ދިނުމާއި، ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާއި އެނޫންވެސް ގަވާއިދުތަކުގެ ދަށުން ޖޫރިމަނާ ކުރެވޭނެކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.