ޚަބަރު

އެންފަރުތަކަށް ނަގިލި އެއްލުމުން ލިބެމުންދާ ގެއްލުން ދެނެގަންނަނީ


އެންވެރިކަންކުރުމުގެ ތެރެއިން ފަރުތަކަށް ނަގިލި އެއްލުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތްތަކެއް ފަށައިފިއެވެ.

އަމިއްލަ ޖަމުޢިއްޔާއަކާއި ޔޫއެންޑީޕީއާ ގުޅިގެން ފަށާފައިވާ މިމަސައްކަތުގެ ދަށުން، މިހާރު ވަނީ އެންވެރިކަންކުރުމުގެ ތެރެއިން ފަރުތަކަށް ނަގިލި އެއްލުމުގެ ސަބަބުން ލިބޭ ގެއްލުންތައް ދެނެގަތުމުގެ ދިރާސާއެއް ފަށާފައެވެ.

ރާއްޖޭގެ އަމިއްލަ ޖަމުއިއްޔާއެއްކަމަށް "ދިވެހި މަސްވެރިން" ޖަމުޢިއްޔާއާއި ޔޫއެންޑީޕީ ގުޅިގެން ފަށާފައިވާ މި ދިރާސާ ކުރިއަށްގެންދަނީ ހުވަދު އަތޮޅުގެ ފަރުތަކުގައެވެ.

ބޯސާ ޕްރޮޖެކްޓްގެ ނަމުގައި ދެއަހަރު ދުވަހަށް ހުވަދު އަތޮޅުގައި ކުރިއަށްގެންދާ މިމަޝްރޫޢަކީ ޔޫއެންޑީޕީގެ ސްމޯލް ގްރާންޓް ޕްރޮގްރާމްގެ ދަށުން ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ ހިލޭ އެހީގައި ކުރިއަށްގެންދާ ދިރާސާއެކެވެ. މިދިރާސާ ފެށުމުގެ ގޮތުން އެންވެރިކަންކުރުމުގައި ބޭނުންކުރަމުން އަންނަ ހުވަދު އަތޮޅުގެ 6 ފަރެއްގެ މަޢުލޫމާތު މިހާރު ވަނީ އެއްކޮށްފައެވެ.

މި މަސައްކަތުގެ ދަށުން މިހާތަނަށް ގއ.ދެއްވަދޫގެ އިރުން އޮންނަ 4 ފަރެއްގައި ވަނީ ބޯސާ ހަރުކޮށްފައެވެ. ބޯސާއަކީ ދޯނިފަހަރު އެޅުމަށް ފަރުގައި ހަރުކޮށްފައި އޮންނަ ވަލެކެވެ.

ދިވެހި މަސްވެރިން ޖަމިއްޔާއިން ބުނީ މީގެ ބޭނުމަކީ އެންދެމުމުގައި ނަގިލި އެއްލުގެ ސަބަބުން ފަރަށް ލިބެމުންދާ ގެއްލުން ކުޑަކުރުން ކަމަށެވެ. ބޯސާ ހަރުކުރުމުން އެންވެރިކަމުގައި ފަރުތައް ކައިރީ ޙަރަކާތްތެރިވާ ދޯނިތަކުން ނަގިލި އަޅާނީ ބޯސާގައެވެ. މި މަޝްރޫޢުގައި މަސައްކަތްކުރަމުން އަންނަ ދިވެހި މަސްވެރިން ޖަމުޢިއްޔާގެ އޯގަނައިޒިންގ ސެކްރެޓަރީ އަޖުވަދު ޢަބްދުއްރަޙީމް ވަނީ މިމަޝްރޫޢުގެ ސަބަބުން މަސްވެރިކަމަށް އަންނާނެ ހެޔޮ ބަދަލު ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.

"މީގެ އެންމެ ބޮޑު މަޤްސަދަކީ އެންފަރުތަކަށް ނަގިލި އެއްލުމުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުން. މިދިރާސާގެ ސަބަބުން ފަރުތަކުގެ ދިރުން އާލާވެ އެންވެރިކަމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ޤަބޫލުކުރެވެނީ." އޭނާ ބުންޏެވެ.

ބޯސާ ހަރުކުރުމުގެ ސަބަބުން މަސްވެރިންނަށްވެސް އޭގެ މަންފާތަކެއް ކުރާނެކަމަށް މަސްވެރިން ޤަބޫލުކުރެއެވެ. ފަރުތަކުން ނަގިލި ނެގުމަށް އެތައް ވަގުތެއް ހޭދަވާއިރު ނަގިލި ނެގުމުގައި ނުރައްކާތެރި ބައެއް ޙާދިސާތައްވެސް ހިނގާފައި ހުރެއެވެ. ޕީއެސްއެމްއާ ވާހަކަދެއްކި ބައެއް މަސްވެރިން ވަނީ ބޯސާގެ ސަބަބުން މިފަދަ ނުރައްކަލުން މަސްވެރިންނަށް ރައްކާތެރިކަން ލިބޭނެކަން ފާހަގަކޮށްފައެވެ.

ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އެތައް ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ. މޫސުމީ ބަދަލުތަކާއި އިންސާނުންގެ ސަބަބުންވެސް އެތައް ގެއްލުމެއް ވެއްޓަށް އަންނަނީ ލިބެމުންނެވެ. ފަރުތަކަށް އަންނަ ބަދަލާގުޅިގެން އެންވެރިކަމަށް ބަދަލު އަންނަމުންދާކަން ވަނީ ފާހަގަވެފައެވެ. އެހެންކަމުން ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަމިއްލަ ޖަމިއްޔާތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާތައް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.

ބޯސާ ޕްރޮޖެކްޓާ ގުޅޭގޮތުން ޔޫއެންޑީޕީ އަދި ޖެފްގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ ނޭޝަނަލް ކޯޑިނޭޓަރ ފާތުމަތު ސަޢީދާ ވިދާޅުވީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޙާސިލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށެވެ. އެގޮތުން ކުރިމަގުގައި ޕްލޭންތައް ހެދުމުގައި މިދިރާސާއިން ނެގޭ މަޢުލޫމާތު މުހިއްމު ދައުރެއް އަދާކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިފަދަ ދިރާސާތައް ވަރަށް މަދު ރާއްޖޭގައި. އެހެންކަމުން މި ދިރާސާވެގެންދާނީ ރާއްޖޭގެ ތަރައްޤީގައި ކަންކަން ނިންމުމުގައި ބޭނުންކުރެވޭނެ މުހިއްމު ދިރާސާއަކަށް. މިގެއިން ކާމިޔާބު ނަތީޖާއެއް ނެރެވިއްޖިއްޔާ، މިޙަރަކާތް ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ހިންގޭނެ." ފާތުމަތު ސަޢީދާ ވިދާޅުވިިއެވެ.

މަސްވެރިކަން ރަނގަޅުވުމުގައި ފަރުތައް މުހިއްމު ދައުރެއް އަދާކުރެވެއެވެ. އެހެންކަމުން ފަރުތަކުގެ ދުޅަހެޔޮކަމަކީ ރާއްޖޭގެ އިޤްތިޞާދާއި ސީދާގޮތުން ގުޅިފައިވާ ކަމެކެވެ. އެންވެރިކަންކުރުމުގައި ފަރުތަކަށް ނަގިލިއެއްލުމުގެ ސަބަބުން ފަރުތަކުގައި ހުންނަ ގާތަކާއި މުރަކަތައް ހަލާކުވެއެވެ. މިއީ އާބާދުވުމަށް އެތައް ސަތޭކަ އަހަރެއް ނަގާކަމެކެވެ.

ރާއްޖޭގައި މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުތަކުގެ ޢަދަދުވަނީ އިތުރުވެފައެވެ. އެހެންކަމުން ކުރިއާ ޚިލާފަށް މިމަސައްލަ ފަރުތަކަށް ކުރިމަތިވަމުން އަންނައިރު ކޮރަލް ބްލީޗިންގ ނުވަތަ ފަރުތައް ހުދުވުމަކީވެސް ރާއްޖޭގެ ފަރުތަކަށް މިހާރު ކުރިމަތިވެފައިވާ ބިރުވެރިކަމެކެވެ. އެހެންކަމުން މިމަޝްރޫޢުއަށް އެއްބާރުލުންދީ ބޯސާގެ ބޭނުން ކުރިއަށް އޮތް ދެއަހަރު ހެޔޮގޮތުގައި ހިފުމަކީ ފަރުތަކަށް އަންނަ ބަދަލުތައް ދެނެގަތުމުގައި މުހިއްމުކަމެކެވެ.