ޚަބަރު

ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 344000އިން މައްޗަށް


ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އިތުރު 974 އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 34،4000 އިން މައްޗަށް އަރާފައެވެ.

އެޗްޕީއޭއިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިތުރު 974 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 463 މީހުންނާއި އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 511 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 34،4123 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އިތުރު 114 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަޙައްދުން ފުރަތަމަ ޑޯޒް ޖެހި 44 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 70 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 392،887 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުދަނީ ފައިޒާ ވެކްސިން ޖަހަމުންނެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެ އިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.