ވިޔަފާރި

ސްރީ ލަންކާގެ ރަތުމަލާނަ އެއާޕޯޓު ހުޅުވާލަނީ، ފުރަތަމަ ދަތުރު ރާއްޖެއަށް!


ސްރީ ލަންކާގެ ރަތުމަލާނަ އެއާޕޯޓުން 50 އަހަރު ފަހުން ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވެފައި ވާކަން ސްރީ ލަންކާ ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރަތުމަލާނަ އެއާޕޯޓުން ފުރަތަމަ ފްލައިޓު އައުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށެވެ. ލަންކާ ސަރުކާރާ ޙަވާލާދީ އެޤައުމުގެ ނޫސްތަކުން ބުނެފައިވަނީ މިދަތުރުތައް އަންނަމަހު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ފުރަތަމަ ފްލައިޓުގައި 50 މީހުން ދަތުރު ކުރާނެކަމަށް ލަންކާ ނޫސްތަކުން ބުނެއެވެ.

ރަތުމަލާނަ އެއާޕޯޓަށް ޝެޑިއުލް ދަތުރުތަށް ފަށާއިރު، މިއެއާޕޯޓު ޚާއްސަ ކުރަނީ ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ މީހުންނަށްކަމަށް ސްރީލަންކާ ސަރުކާރުން ބުނެއެވެ. އަދި މިތަނަށް ފްލައިޓު ޖެއްސުން އިތުރުކުރުމަށް ސަރުކާރުން ވަނީ ގިނަ ފީތަކަށްވެސް ލުއިތަކެއް ދީފައެވެ. އަދި މިއާއެކު ޕްރަވެޓް ޖެޓު ޕާކިންގެ ޚިދުމަތްވެސް މިއެއާޕޯޓުން ފޯރުކޯށްދޭނެކަމަށް ސްރީލަންކާ ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރަތުމަލާނަ އެއާޕޯޓު ހުޅުވާފައިވަނީ 1938ވަނަ އަހަރުއެވެ. ނަމަވެސް 1968ވަނަ އަހަރު ބަންޑާރަނައިކެ އެއާޕޯޓު ހުޅުވުމާއެކު މިތަނަށް ކުރަމުންއައި ދަތުރުތަށް މަޑު ޖެހިގެން ދިޔައެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ޗާޓަރު ދަތުރުތައް އެއާޕޯޓަށް ކުރެއެވެ. މިއެއާޕޯޓަކީ 1.8 ކިލޯމީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ.