ވިޔަފާރި

ޔުކްރެއިން ޓްރެވެލް ފެއާއިން ބެސްޓް އައިލޭންޑް ޑެސްޓިނޭޝަންގެ މަޤާމް ރާއްޖެއަށް


ޔުކްރެއިން ޓްރެވަލް ފެއާގައި ބައިވެރިވެ، ބެސްޓް އައިލޭންޑް ޑެސްޓިނޭޝަންގެ މަޤާމް ދިވެހި ރާއްޖެއިން ހޯދައިފިއެވެ.

މިމަހުގެ 5އިން 6އަށް ޔުކްރެއިންގެ ވެރިރަށް ކިއެވްގައި ކުރިއަށްދިޔަ ޔުކްރެއިން އިންޓަނޭޝަނަލް ޓްރެވެލް މާކެޓް (ޔޫއައިޓީއެމް)ގައި ރާއްޖޭއިން ބައިވެރިވެފައިވަނީ މިމާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމަށެވެ. މިފެއާގައި ޔޫކްރެއިންގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު، 20 ޤައުމަކުން އެތަށް ހާސް ބަޔަކު ބައިވެރިވެއެވެ. އަދި މިސަރަހައްދުގައި ސިނާޢަތުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިސް ފަރާތްތައްވެސް މިފެއާގައި ބައިވެރިވެއެވެ.

ރާއްޖެއިން މިފެއާގައި ބައިވެރިވެފައިވަނީ މިސިނާޢަތުގައި ހަރަކާތްތެރިވާ ހަތަރު ފަރާތަކާ އެކުއެވެ. އަދި މިފެއާގެތެރެއިން ސްޕީޑް ނެޓްވޯކިން ސެޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން މިފެއާގައި ރާއްޖޭގެ ޤުދުރަތީ މާހާއުލު ޕްރޮމޯޓުކޮށް، ރާއްޖެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރެވިގެންދާނެއެވެ. މިގޮތުން ފަތުރުވެރިކަމުގެ 4 ޕްރޮޑަކްޓެއް ރާއްޖެއިން އިސްތިހާރު ކުރާނެއެވެ. އެއީ ރިސޯޓު، ހޮޓެލް، ލިވަބޯޑު އަދި ގެސްޓް ހައުސްއެވެ. މީގެ އިތުރުން ރާއްޖޭގެ ރައްތަކުގެ ޖަޒީރާވަންތަކަމުގެ ސަބަބުން ރާއްޖެ ރައްކާތެރި މަންޒިލަކަށް ވެގެންދާ ސަބަބުތަށް ފެއާގެ ތެރެއިން ވަނީ ކިޔައިދޭނެއެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ، މިއީ ރަޝީއާ އަދި ސީއައިއެސް މާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް ދެމެހެއްޓުމާއިއެކު، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމުގެ މަޤްސަދުގައި ބައިވެރިވި ފެއާއެއް ކަމަށެވެ. މީގެ އިތުރުން މިދިޔަ މަހު ޑިލަކްސް ޓްރެވެލް މާކެޓް އިވެންޓާއި، އަދި މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕް ތަކެއް ވެސް މިމާކެޓަށް ހާއްސަ ކޮށްގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޔޫކްރެއިން އަކީ ރާއްޖެއަށް ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މިދިޔަ މަހުގެ މެދާ ހަމައަށް ގާތްގަނޑަކަށް 27،000 ފަތުރުވެރިން ޔޫކްރެއިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި ބޯޑަރު ހުޅުވުނު ފަހުން މިމާކެޓުން އަންނަ ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިވާ ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.